ކޮވިޑް19 އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ތަކަށް އެކި އިދާރާތަކުން މުޅި ޖުމްލަ 2.2 ބިލިއަން ރުފިޔާ (2،297.8 މިލިއަން ރުފިޔާ) ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 1284.1 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާއިރު އިގްތިސާދީ ކަންކަމަށް 1013.7 މިލިއަން ހަރަދު ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މި ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީ އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންނެވެ. އެގޮތުން އެންޑީއެމްއޭ އިން 777.8 މިލިއަން ހަރަދު ކޮށްފައި ވާއިރު، ހެލްތު މިނިސްޓްރީން ވަނީ 198.8 މިލިއަން ހަރަދު ކޮށްފައެވެ.
ކޮވިޑްގެ ކަންކަމަށް ޑިޒާސްޓާ މެނޭޖްމެންޓް ފަންޑުން 84.1 މިލިއަން ރުފިޔާ އާއި ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން 28.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށްވެސް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާފައިވެއެވެ.
އޭގެ އިތުރުން ޕްލޭނިން މިނިސްޓްރީން 37.3 މިލިއަން ރުފިޔާ، އެމްއެންޑީއެފުން 40.2 މިލިއަން ރުފިޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 5.7 މިލިއަން ރުފިޔާ، ފޮރިން މިނިސްޓްރީން 6.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ
އެންމެ ބޮޑު ހަރަދެއް މިހާތަނަށް ކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ބޭނުންވާ ސާމާނު ހޯދުމަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.