ސަރުކާރުން މުހިންމު އިސްކަމެއް ދީގެން، ކުރިއަށް އޮތް 2 އަހަރު ކުރިއަށް ގެންދާނެ ކަންކަން ފާހަގަކޮށް ތައްޔާރު ކޮށްފައިވާ 'ޕޮލިސީ ޕްރަޔޮރިޓީ ލިސްޓް' އާ ގުޅޭގޮތުން މިއަދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުން މަޝްވަރާކޮށްފައިވަނީ މިއަދުއެވެ. ރައީސް އޮފީހުން ބުނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެކި ކަންކަން ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ހުރުމާއެކު، މިހާރުގެ ހާލަތައް ރިއާޔަތްކޮށް ކުރިއަށް އޮތް 2 އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަން ހުރި ކަންކަން އަލުން ތަރުތީބުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުން ތައްޔާރުކުރައްވާފައިވާ 'ޕޮލިސީ ޕްރަޔޮރިޓީ ލިސްޓް' އާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ މަޝްވަރާތަކުގައި ހުރިހާ ސެކްޓަރުތަކުންވެސް ކުރިއަށްއޮތް 2 އަހަރަށް އިސްކަންދީގެން ކުރާނެ ކަންތައްތައް ވަނީ ކަނޑައަޅާފައެވެ. އަދި ސަރުކާރުގެ އޮފީސްތަކުން އެކަންތައްތަކަށް އަމަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.