ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުގެ ދެކޮޅުވެރިކަމުގެ ސަބަބުން، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ – އެމްނެސްޓީ އިންޓަނޭޝަނަލް އިން އަވަށްޓެރި އިންޑިއާގައި ކުރިއަށް ގެންދާ އޮޕަރޭޝަންތައް މެދުކަނޑާލަން މަޖުބޫރުވެއްޖެ ކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.
މިއާއެކު އެމްނެސްޓީއިންވަނީ، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތައް ނުބައިމީސް ކުރުމަށް އިންޑިއާގެ ސަރުކާރުން ނުރައްކާތެރި ކެމްޕޭނެއް ހިންގަމުން އަންނަ ކަމަށްވެސް ތުހުމަތު ކޮށްފައެވެ.
އެމްނެސްޓީއިން ބުނީ އެ ޖަމިއްޔާގެ ބޭން އެކައުންޓްތައް ފްރީޒްކޮށްފައި ވާކަމަށާ، މިއާއެކު އިންޑިއާގައި ހަރަކާތްތެރިވަމުންދިޔަ މުވައްޒަފުން ދޫކޮށްލަން ޖެހި، ކެމްޕޭނާއި ދިރާސާގެ މަސައްކަތްތައްވެސް މެދުކަނޑާލަން ޖެހިފައި ވާ ކަމަށެވެ.
އެމްނެސްޓީގެ ސީނިއާ ޑައިރެކްޓާ އޮފް ރިސާޗް، އެޑްވޮކަސީ އެންޑް ޕޮލިސޓީ - ރަޖަތު ހޯލްސާ ވިދާޅުވީ، އެ ޖަމިއްޔާއަށް އިންޑީއާގައި ކުރިމަތިލާންޖެހިފައިވަނީ މީގެ ކުރިން، ކުރިމަތިލާން ޖެހިފައި ނުވާ ފަދަ ކަމަކާ ކަމަށެވެ. އެމްނެސްޓީގެ އިންޑިއާ ގޮތްޕަށް އަމާޒުކޮށް، ސިލްސިލާ ގޮތެއްގައި ހަމަލާ އަމާޒުވަމުންދާ ކަމަށާ، ހަނގާ ކުރުމާ ފުރައްސާރަކުރުމުގެ ހަމަލާތައްވެސް ސަރުކާރުގެ ފުށުން އަމާޒު ވަމުން އަންނަ ކަމަށެވެ.
މި ހުރިހާ ކަމެއްވެސް ގުޅެނީ އިންސާނީ ހައްގުތަކުގެ ރޮނގުން އެ ޖަމިއްޔާއިން ކުރަމުން އަންނަ މަސައްކަތްތަކާ ކަމަށާ، އެ ޖަމިއްޔާއިން ކުރިމަތިކުރާ ސުވާލުތަކަށް ސަރުކާރުން ޖަވާބުދާރީ ވާން ބޭނުން ނުވާ ކަމަށެވެ.
މިދިޔަ މަހު އެމްނެސްޓީއިން ނެރުނު ރިޕޯޓެއްގައި، އިންޑިއާގެ ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރިއެވެ. އެގޮތުން ދިއްލީގައި ހިންގާދިޔަ ލާއިންސާނީ ޖަރީމާތަކުގައި ފުލުހުންގެ ގުރޫޕަކުން ބައިވެރިވިކަން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ކަޝްމީރުގެ މައްސަލާގައިވެސް އެމްނެސްޓީއިންވަނީ، ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުންނާއި، އެކްޓިވިސްޓުން އަދި ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލާފައެވެ.
އެމްނެސްޓީއިން ވަނީ 2009 ވަނަ އަހަރުވެސް، އިންޑިއާގެ އޮޕަރޭޝަންތައް މެދުކަނޑާލާފައެވެ. އެ ފަހަރު އެމްނެސްޓީގެ އޮޕަރޭޝަންތައް މެދުކަނޑާލީ ޖަމިއްޔާ ހިނގުމަށް ބޭރުން އެތެރެވާ ފަންޑު ބަލައިގަތުމަށް ދޫކުރާ ލައިންސަންސަށް ކަމާ ބެހޭ ފަރާތްތަކުން އިންކާރު ކުރުމުގެ ސަބަބުންނެވެ.
އެމްނެސްޓީގެ އިންޑިއާ އޮޕަރޭޝަންތައް މެދުކަނޑާލަން ޖެހުނު ކަމުގައި ވީ ނަމަވެސް، އިންޑިއާގައި ކުރިއަށްދާ ގާނޫނީ މައްސަލަތަކަށް އެއްބާރުލުން ދެމުންދާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.