މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާފް ދަނޑުގެ ތެރެއިން 9 ރަށެއްގެ ދަނޑުގައި ޓާފް އެޅުމަށް މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްހުމަދު މަހުޙްލޫފްއެވެ. އެ 9 ރަށުގެ ތެރެއިން ފުރަތަމަ ލޮޓްގައި ހިމެނެނީ ހއ. ހޯރަފުށި އަދި ހއ. އިހަވަންދޫއެވެ. ދެވަނަ ލޮޓްގައި ހިމެނެނީ ހދ. ނޮޅިވަރަމް، ހދ. ހަނިމާދޫ އަދި ހދ. ކުޅުދުއްފުށިއެވެ. ތިންވަނަ ލޮޓްގައި ހިމެނެނީ މ. ދިއްގަރު، ދ. ކުޑަހުވަދޫ އަދި ތ. ތިމަރަފުށިއެވެ. އަދި ހަތަރު ވަނަ ލޮޓްގައި ހިމެނެނީ އައްޑޫ ސިޓީގެ ރަށެއް ކަމަށްވާއިރު އެ ރަށް ކަނޑައެޅިގެންދާނީ ނޭޝަނަލް ޓެންޑާ ބޯޑާއި މަޝްވަރާކުރެއްވުމަށް ފަހު ކަމަށް މިނިސްޓަރު މަހުލޫފް ވަނީ މިއަދު ވިދާޅުވެފައެވެ.

އެ ލޮޓްތަކުގައި ހިމެނޭ ރަށްތަކުގެ ދަނޑުތަކުގައި ޓާފް އެޅުމަށް ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑަށް އެވޯޑްކޮށްފައިވަނީ ނޭޝަނަލް ޓެންޑާ ބޯޑުންނެވެ.

ޔޫތު މިނިސްޓްރީން ބުނީ އެ 9 ރަށުގެ ދަނޑުގައި ޓާފް އެޅުމަށް އެވޯޑް ކުރެވިފައިވަނީ 30 މިލިއަން ރުފިޔާ ކަމަށެވެ. އަދި ކޮންމެ ލޮޓެއްގެ މަސައްކަތް ވެސް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކޮންޓްރެކްޓްގައި ބަޔާންކޮށްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިހާތަނަށް އައިއިރު ޔޫތު މިނިސްޓްރީއިން ވަނީ ފަސް ރަށެއްގެ ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.