ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް0-19)އަށް ޕޮޒިޓިވް ވެފައިވާކަން ނުވަތަ ނޫންކަން، މަދު މިނެޓް ކޮޅެއްގެ ތެރޭގައި ދައްކާ ޓެސްޓު ފުޅާ ކުރުމަކީ، ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުން ބަލިމަޑުކަން ދެނެގަނެވޭ މިންވަރު އިތުރު ކުރުވާނެ ކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔަ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.
ދަށް ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަކީ ސިއްހީ ތަޖުރިބާކާރުންނާ ހިދުމަތްތެރިން މަދު ގައުމުތަކަކަށް ވާއިރު، އެންމެ 5 ޑޮލަރަށް ލިބޭ މި ޓެސްޓަކީ، މިފަދަ ގައުމުތަކުގައި ކޮވިޑް-19އަށް ޓެސްޓު ކުރުން ހަރުދަނާ ކުރުމަށް ތަނަވަސް ކުރެވޭނެ ފަހި މަގެކެވެ.
ކަމާ ބެހޭ ފަރާތްތަކުން މިހާރު ވަނީ، ކުރިއަށް އޮތް 6 މަހެއްހާ ދުވަހުގެ ތެރޭގައި މިފަދަ 120 މިލިއަން ޓެސްޓު ކިޓް އުފެއްދުމަށް، ދާއިރާގެ ސިނާއީ އުފެއްދުންތެރިންނާއެކު އެއްބަސްވުން އެކުލަވާލާފައެވެ.
ޑަބްލިއުއެޗްއޯއިން ސިފަކުރާ ގޮތުގައި މިއީ ހާސިލުވި ބޮޑު ކުރިއެރުމެކެވެ.
ކޮވިޑް-19ގެ ބަލި ފެތުރެމުންދާ މިންވަރު އިންތިހާއަށް އިތުރުވެފައިވާ އިންޑިއާއާއި ބްރެޒިލް ފަދަ ގައުމުތަކަށް ބަލާއިރު، އެކަށީގެންވާ ގޮތެއްގައި ޓެސްޓު ކުރުމުގެ ފުރުސަތު ތަނަވަސް ވެފައި ނެތުމުގެ ސަބަބުން، ހަގީގީ ކޭސް ނަމްބަރު "ފޮރުވިފައި" ވާ ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ސާމްޕަލް ދިނުމަށްފަހު ނަތީޖާ ލިބުމާ ދެމެދު ގިނަ ވަގުތުތަކެއް ހޭދަވެގެން ދިއުމަކީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްވެސް އެޅޭ ހިޔަންޏެކެވެ.
ޑރ ޓެޑްރޯޒް ވިދާޅުވީ އަލަށް ތައާރަފުކުރާ ޓެސްޓު ކިޓްތަކަކީ އެއްތަނުން އަނެއް ތަނަށް ފަސޭހައިން އުފުލާ ހެދޭ ގޮތަށް ފަރުމާ ކޮށްފައިވާ ޓެސްޓު ކިޓެއް ކަމަށެވެ. އަދި ނަތީޖާ ލިބުމަށް އެތައް ގަޑިއިރެއް ހޭދަވަމުން ދިޔަ ދިއުމުގެ ބަދަލުގައި 15-30 މިނެޓްގެ ތެރޭގައި ނަތީޖާ ނެރެވޭނެ ކަމަށް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ.
ޑރ ޓެޑްރޯޒް މި ކިޓްތައް އުފެއްދުމަށް ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނާއެކު، އެބޮޓް އަދި އެސްޑީ ބައޮސެންސާއިން އެއްބަސްވުން އެކުލަވާލާފައި ވާކަމަށެވެ. މި އެއްބަސްވުމަކީ 133 ގައުމަކަށް ކިޓްތައް ފޯރުކޮށްދެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެއްބަސްވުމެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 33 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައި ވާއިރު، ކޮވިޑް-19ގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ.