އުމުރުން 36 އަހަރުގެ ސައިމަން އިސްމާއިލްގެ ކިޑްނީ ފެއިލްވާތީ ދިރިއުޅުމުގެ އުންމީދަށް އަލިމަގެއް ހޯދުމަށް މިވަގުތު ބޭނުންވަނީ ކިޑްނީ ހަދިޔާކޮށް ދޭނެ ދީލަތި ފަރާތެއް ކަމަށް އާއިލާގެ ފަރާތުން ބުނެފިއެވެ.

ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާ އިސްމާއިލް ސައިމަންގެ އަންހެނުން ހައްވާ އިއްފަތު، 'ދަ ޕްރެސް' އަށް މައުލޫމާތު ހިއްސާ ކުރަމުން ބުނީ، އޭނާގެ ފިރިމީހާ ޑައިލަސިސް ހަދަމުން އަންނަތާ 1 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. ސައިމަން ބަލިވި ފަހުން އާއިލާއާއި ރައްޓެހިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި ހިތްވަރަށް ޝުކުރު އަދާ ކުރަމުން އޭނާ ބުނީ މިވަގުތު އާއިލާގައި ތިބި މީހުންގެ ތެރެއިން ކިޑްނީ ހަދިޔާ ކުރެވޭވަރުގެ ފަރާތެއް ނެތް ކަމަށެވެ. ބަލި ހާލަތު ހުރި ގޮތުން ކިޑްނީ ދެވޭނެ މިހާކު އާއިލާގައި ނެތުމުން އާންމުންގެ އެހީއަކަށް އެދެން ޖެހުނު ކަމަށް އޭނާ ބުނެއެވެ.

36 އަހަރުގެ ސައިމަން އޭނާގެ ބަލީގެ ހާލަތު ކިޔައިދެމުން ބުނީ މި ދިޔަ އަހަރު ސްރީލަންކާގައި އޭނާ ހުރި އިރު އާދަޔާ ހިލާފު ރިހުމެއް އޭނާގެ ފައި ތިލައިގައި ހުންނަ ކަމަށާއި ކެއުމާ ދުރުވެ ބަރުދަން ވެސް ލުއިވާން ފެށި ކަމަށެވެ. އޭރު ގާތްގަނޑަކަށް 20 ވަރަކަށް ކިލޯ ލުއިވި ކަމަށާއި އެކަމަކީ ސިއްހީ ބޮޑު މައްސަލަައެއް ހުރި ކަމުގެ އަލާމާތެއް ކަމަށް ދެނެނުގަނެވުނު ކަމަށް ސައިމަން ބުނެއެވެ.

"ޓްރީޓްމަންޓް ފެށިއިރު، ހަމަ އެއްގޮތަކަށް ވެސް އެކައްޗެއްވެސް ނުކެވޭ. ދެން ޑައިލިސިސް ހަދާ ދުވަސް ދުވަހު ވަރަށް ވަރުދެރަވާނެ. އެކަމަކު މިހާރު ދެން ކުޑަކޮށް އެހެން ތެދުވެލާނެ."
ހައްވާ އިއްފަތު - ސައިމަންގެ އަންހެނުން

ލަންކާގައި ހުރި އިރު ޑޮކްޓަރަށް ދައްކާ އެއްވެސް ޗެކްއަޕްއެއް އޭނާ ނުހަދައެވެ. ނަމަވެސް ފަހުން ފެންނަމުން ދިޔަ އަލާމަތްތަކުގެ ސަބަބުން ޑޮކްޓަރަށް ދައްކާލަން ހިތަށް އެރި ނަމަވެސް އެނބުރި މާލެއަށް އަންނަ ދުވަސް ގާތްވެފައި އޮތުމުން ޑޮކްޓަރަށް ދެއްކަން ފަސްކުރި ކަމަށާއި މާލެ އައިސް ޑޮކްޓަރަށް ދެއްކުމުން އޭނާއަށް ލިބުނީ ސިއްސައިގެންދާ ވަރުގެ ހަބަރެއް ކަމަށް ސައިމަން ބުނެއެވެ.

އެއީ އޭނާގެ މުޅި ދިރިއުޅުން ބަނަކޮށްލި ދުވަހެއްގެ ގޮތުގައި ސައިމްނަ ސިފަކުރެއެވެ. ހެދި ޓެސްޓުތަކުގެ ނަތީޖާ ހާމަ ކުރަމުން އޭނާގެ ކިޑްނީ މަސައްކަތް ކުރަނީ އެންމެ 7 ޕަސެންޓް ކަމަށް ޑޮކްޓަރުންނާ ހަވާލީ އޭނާ ބުނެއެވެ. ދެވަނަ ގޮތަކަށް ބުނަނީ ނަމަ އޭނާގެ ކިޑްނީ ވަނީ ފެއިލް ވެފައި ކަމަށް އޭނާ ބުނެއެވެ. ދެން އަވަހަށް ބޭންކޮކަށް ދިޔަ ކަމަށާއި ބޭސްފަރުވާގެ ކަންކަން ފެށުމަށް ފިސްޓިއުލާ އަތަށް ލެއްވީ ކަމަށް އޭނާ ބުނެއެވެ. ދެން ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ދެދުވަހުން އެއްދުވަހުން ޑައިލަސިސް ހަދަމުން އަންނަ ކަމަށް އާއިލާއިން ބުނެއެވެ.

އެ ދުވަހަށް ފަހު އޭނާގެ މުޅި ދިރިއުޅުމުގައި އާންމު ކަމަށް ވެގެން ގޮސްފައި ވަނީ ޑައިލަސިސް ހެދުމުގައެވެ. އާންމު ކޮށް ކޮންމެ ދުވަހު "ކަށިތައް ހަރާނަމަ" އޭގެ ތަދަށް ހޭނޭ ކަމަށް މީހުން ބުނެ އުޅުނު ނަމަވެސް އަދިވެސް "ކަށި ޖެހުމަކީ" އޭނާއަށް ވަރަށް ވޭން އަޅާ ކަމެއް ކަމަށް ސައިމަން ސިފަ ކުރެއެވެ.

"ޑައިލިސިސް ހަދާތާ މިހާރު އެއް އަހަރުވީ، އެހެންވެ އަވަހަށް ޑޯނާއެއް ހޯދަން ބުނެގެން މިބަލަނީ. އެކަމަކު އާއިލާގެ އެއްވެސް މީހަކަށް މިވަގުތު ބަލި ހާލަތު ހުރިގޮތަކުން ނެތް ކިޑްނީ ދެވޭކަށް. ވަރަށް ބެލިން. އެކަމަކުވެސް އެންމެންގެ ބަލި ހާލަތު ހުރި ގޮތުން ދެވޭކަށް ނެތް."
ހައްވާ އިއްފަތު - ސައިމަންގެ އަންހެނުން

ސައިމަންގެ 8 އަހަރުގެ ފިރިހެން ކުއްޖަކު ހުރެއެވެ. އަނބިމީހާއަށާއި ދަރިފުޅަށް އަދި މައިންބަފައިންނަށް ހިދުމަތް ކޮށްދިނުމަށް އޭނާ ނުކުޅެދިފައިވާ ހާލަތު ބަޔާން ކޮށްދިނެވެ. އަދި އާއިލާއާ އެކު ހޭދަކުރާ އުފާވެރި ވަގުތުތައް ހަނދާންވާ ކަމަށާއި އާއިލާއިން އޭނާއަށްޓަކައި ވަމުންދާ ގުރުބާނީ އިހްސާސް ކުރެވޭ ކަމަށް ވެސް ސައިމަން ބުނެއެވެ.

މިހާރު ކިޑްނީ ބައްޔަށް އެނާ ފަރުވާ ހޯދަމުން ދާތާ އެއް އަހަރާއި ދެ މަސް ވެފައި ވާއިރު އެކަމަކީ އޭނާއަށް ފަސޭހާ ކަމެއް ނޫން ކަމަށް އޭނާ ބުނެއެވެ. އަދި މިހާރު އޭނާ ބޭނުންވަނީ އޭނާއަށް ކިޑްނީ ހަދިޔާ ކުރާނެ ފަރާތެއް ކަމަށާއި އޭނާގެ އެ ހިތްދަތި އުނދަގޫ ހާލަތުން އަރައިގަތުމަށް ކިޑްނީ ހަދިޔާ ކުރާނެ މީހަކު ބޭނުންވާ ކަމަށް އޭނާ ބުނެއެވެ.

ކިޑްނީ ހަދިޔާކުރަން ޝައުގުވެރިވާ ފަރާތްތެއް ވާނަމަ 7537776 ނުވަތަ 9904048 އަށް ގުޅުމަށް އާއިލާ ފަރާތުން އެދެއެވެ. އަދި އެފަދަ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ސައިމަންގެ ލޭގެ ގްރޫޕަކީ އޯ ޕޮޒިޓިވް ކަމަށް އާއިލާއިން ބުނެއެވެ.