ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތުގެ އާޒިމާ ޝުކޫރަށް ކުރާ ދައުވާގެ އަޑުއެހުން މިއަދު ކުރިއަށް ނުގެންގޮސް އަޑު އެހުން އަންނަ މަހަށް ފަސްކޮށްފިއެވެ.

މިއަދުގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މެންދުރު 1:30 އަށެވެ. އެހެން ނަމަވެސް މިއަދުގެ އަޑުއެހުމުގެ ކުރިން އާޒިމާ ވަނީ ކޯޓަށް ސިޓީއެއް ފޮނުއްވާފައެވެ. އެސިޓީ އޭނާ ވަނީ ސިއްހީ ސަބަބުތަކަށްޓަކާ ހޮސްޕިޓަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެޕޮއިންޓްމެންޓް ލިބިފައި ވަނީ މިއަދު 2:00 ޖަހާއިރަށް ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.

އެކަމަށް ދެކޮޅު ނަހަދާ މައްސަލަ ބަލާ ގާޒީ ވަނީ އާޒިމާއަށް އެ ފުރުސަތު ދެއްވައި، އެހެން ދުވަހަކަށް އަޑުއެހުން ފަސްކޮށްފައެވެ. އެގޮތުން ދެން އެ މައްސަލައިގެ އަޑުއެހުމެއް އަންނަމަހު 11 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާއެވެ. އެ މައްސަލަ މިހާރު އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ މަރުހަލާއެވެ.