ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިންޑިއާގައި އުފައްދާ ވެކްސިން، މުޅި ދުނިޔެއަށް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީކަން، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ދެއްވައިފިއެވެ.

އިންޑިއާގައި އުފައްދާ ވެކްސިނަކީ މުޅި ދުނިޔޭގެ އާބާދީއަށްވެސް ފޯރުކޮށްދެވޭނެ ވެކްސިނެއް ކަމަށް ވިދާޅުވެ، ބައިނަލްއަގުވާމީ އިތުބާރު ކަށަވަރު ކުރެއްވުމަށް، މި މޭރުމުން މޯދީ ވާހަކަފުޅު ދެއްކެވީ މިހާރު ކުރިއަށް އދގެ އިސްވެރިންގެ ބައްދަލުވުމުގައެވެ.

އދގެ 75 ވަނަ އާންމު ޖަލްސާގެ އިސްވެރިންގެ ބައްދަލުވުމަށް ދެއްވި ވީޑިއޯ ތަގުރީރުގައި މޯދީ ވިދާޅުވީ، ވެކްސިން އުފެއްދުމުގެ އެންމެ ބޮޑު ހަބު ކަމުގައިވާ އިންޑިއާއިން އިތުރުކަމެއް ކަށަވަރުކޮށްދޭން ބޭނުންފުޅުވާކަމަށާ، އެއީ ބަލިމަޑުކަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މުޅި އިންސާނިއްޔަތަށް ބޭނުންވާ ކެޕޭސިޓީއަށް ވެކްސިން އުފައްދާ، ފޯރުކޮށްދިނުން ކަމަށެވެ.

އިންޑިއާގެ ފަރީދުއާބާދުގައި ސިރިންޖު ބަންދުކުރާ ކާރުހާނާއެއްގައި މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: ސަޖަދު ހަސަން

މިފަދަ މޭރުމަކުން ބައިނަލްއަގުވާމީ މުޖުތަމައަށް މޯދީ ވައުދުވެވަޑައިގެންނެވިއިރު އިންޑިއާއިން ބަލިޖެހުނު މީހުންގެ އަދަދު ވަނީ 5.9 މިލިއަނަށްވުރެ މައްވަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 93000 އަށްވުރެ މައްޗަށް އަރާފައެވެ.

މޯދީ ވިދާޅުވީ ވެކްސިން ކަށަވަރު ކުރުމުގެ ކުރިން ފުރިހަމަ ކުރަން ކުރަންޖެހޭ އެންމެ ފަހު މަރުހަލާގެ މަސައްކަތްތަކައިގެން އިންޑިއާއިން ހަލުވި ދުވެލީގައި މިހާރުވެސް ކުރިއަށްދާ ކަމަށާ، ވެކްސިންގެ ޑެލިވަރީއަށް ފަށަންވާއިރަށް ގައުމުތަކުގެ ކޯލްޑް-ސްޓޯރޭޖް ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމަށްވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ކަމާ ބެހޭ ފަރާތްތަކުން އިޒުނަ ދޭހާ އަވަހަކަށް ފުޅާ ދާއިރެއްގައި ވެކްސިން އުފެއްދޭ ފެންވަރަށް އިންޑިއާއިން އޯގަސްޓް މަހު ތައްޔާރުވެފައި ވާކަމަށްވެސް މޯދީ ވިދާޅުވިއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ، "އިންސާނިއްޔަތަށް ވެކްސިނެއް" ތަރައްގީކޮށް އުފެއްދުމަށް ބާރުއަޅުއްވަމުންނެވެ. މި ވެކްސިނަކީ އެންމެނަށްވެސް ލިބޭ، އަދި އަތްފޯރާ އަގެއްގާ ލިބޭ ވެކްސިނަކަށް ވުމަށްވެސް ގުޓެރޭޒް ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.

ވެކްސިން އުފެއްދުމުގެ މަސައްކަތް ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް/ފޮޓޯ: މޮސްކޯ ޓައިމްސް

ކަން މިހެން އޮތްއިރު، ތަރައްގީ ވެފައިވާ ބޮޑެތި ގައުމުތަކުން ދަނީ، ވެކްސިން އުފައްދާ ކުންފުނިތަކާއެކު ބޮޑެތި އަގުތަކުން އެއްބަސްވުންތައް އެކުލަވާލާ، އެ ގައުމުތަކުގެ އާބާދީއަށް ވެކްސިން ކަށަވަރު ކުރަމުންނެވެ. ގުޓެރޭޒް ވިދާޅުވީ މިފަދައިން ވެކްސިން ކަށަވަރު ވުމަކީ ނާއިންސާފު ކަމެއް އެކަނި ނޫން ކަމަށާ، މިއީ އަމިއްލަ ނަފުސުވެސް ނާކާމިޔާބީއަށް ވައްޓާލަނިވި ކަމެއް ކަމަށެވެ. އެހެނީ، ކޮވިޑް-19އިން ހުރިހާ އެންމެން ސަލާމަތް ވެގެން މެނުވީ އެއްވެސް މީހަކަށް މި ބަލިން ސަލާމަތް ނެތުން ކަން ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ.