އިންޑިކޭޓާސް ދައްކާގޮތުން އަދިވެސް ގްރީން ޒޯނަކަށް ނުދާ ކަމަށާއި ފިޔަވަޅުތައް ލުއިދޭން އަދިވެސް ރައްކާތެރި ނޫން ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ ކޮވިޑަށް ކޮންމެ ދުވަހަކު ރާއްޖެއިން ޕޮޒިޓިިވްވާ މީހުންގެ އަދަދުތައް ދަަށްވިޔަސް އިންޑިކޭޓަރުތަކުން ދައްކާ ގޮތުން އަދިވެސް ގްރީން ޒޯނަށް ނުދާ ކަމަށެވެ. އެހެން ކަމުން، ކޮވިޑް އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އެއްކޮށް ނެގުން އަދިވެސް ރައްކާތެރި ނޫން ކަމަށް ޑރ. ޝީނާ ވަނީ ވިދާޅުވެފައެވެ.

ޑރ. ޝީނާ ވިދާޅުވިގޮތުގައި ގްރީން ޒޯނާ ހިސާބަށް ދިއުމުން ވެސް ދެތިން ހަފުތާ ވަންދެން އެ ފިޔަވަޅުތަކުގައި އުޅެން ޖެހޭނެއެވެ.

ގްރީން ޒޯނަށް ދިޔަކަމަށް ބަލާނީ ދުވާލެއްގެ މައްޗަށް އާންމުކޮށް ޕޮޒިޓިވް ވާ ޕަސެންޓް 5 އަށް ވުރެ ދަށުގައި ހިފެހެއްޓުނީމާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި މިހާރު ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ދަށްވަމުން އަންނައިރު މިއަދު ޕޮޒިޓިވް ވެފައިވާ 54 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ 30 ދިވެހިންނާއި 24 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 50 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 4 މީހެކެވެ.

އެބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 8597 އަށް އަރާފައިވާއިރު އެކްޓިވް ކޭސްގެ ގޮތުގައި ހުރީ ޖުމްލަ 1301 ކޭސް އެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 87 އަށް އަރާފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީގައި 645 މީހަކު އެބަތިއްބެވެ.

މި ބައްޔަށް ޕޮޒިޓިވްވި 9939 މީހުންގެ ތެރެއިން 34 މީހަކު ވަނީ ނިޔާވެފައެވެ.