ޗައިނާ އަސްކަރިއްޔާއިން ބޮން އެޅުމުގެ ރެއިޑެއް ކުރިއަށް ގެންދާ މަންޒަރުތައް ދައްކުވާ ދޭ ގޮތަށް އުފައްދާފައިވާ ޕްރޮމޯޝަނަލް ވީޑީއޯގައި، ހޮލީވުޑްގެ މަޝްހޫރު ފިލްމުތަކެއްގެ މަންޒަރުތައް ބޭނުން ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޗައިނާ އަސްކަރިއްޔާގެ ޕީއާރް ވީޑިއޯގައި ބޭނުން ކޮށްފައިވަނީ ހޮލީވުޑް ބްލޮކްބަސްޓާ ފިލްމުތަކެއް ކަމުގައިވާ "ޓްރާންސްފޯމާޒް" އާއި "ދަ ހާޓް ލޮކާ" ގެ މަންޒަރުތަކެއް ކަމަށް ބުނެވެއެވެ.

ޕީއާރް ވީޑިއޯގައި ފެންނަނ ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ލިބިފައިވާ އެ-6 ބޮމާޒްއިން ސިމިއުލޭޓާ ރެއިޑެއް ކުރިއަށް ގެންދާތަނެވެ. ފެސިފިކްގެ ޖަޒީރާއެއް ކަމަށްވާ ގުއާމްގައި، އެމެރިކާގެ އަސްކަރީ ބޭސްއަކަށް އަމާޒުކޮށް ހިންގާ ރެއިޑް ފެންނަ ވީޑިއޯ، 5 މިލިއަނަށްވުރެ ގިނަ ފަހަރު ބަލާފައިވާކަމަށް ޚަބަރު ލިބެއެވެ.

ހޮނިހިރު ދުވަހު ރިލީޒްކޮށްފައިވާ 2 މިނެޓްގެ ވީޑިއޯގައި ހޮލީވުޑް ފިލްމުތަކެއްގެ މަންޒަރުތަކެއް ބޭނުންކޮށްފައި ވާކަން ފާހަގަކޮށް، ފާޑުކީ ބައެއް ފަރާތްތަކުން ވަނީ ޗައިނާއަށް ކޮޕީރައިޓަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ބުނެ ހަޖޫ ޖަހާފައެވެ. އަދި ޗައިނާއިން އެމެރިކާގެ މަންޒަރުތަކެއް ބޭނުން ކުރީތީ އެކަން ފާހަގަކޮށްފައިވެސްވެއެވެ.

މި ފާޑުކިއުންތަކާ ގުޅިގެން ޗައިނާގެ އަސްކަރިއްޔާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޗައިނާގެ އަސްކަރިއްޔާއާއި ގާތް ގުޅުމެއް އޮންނަ މަސްދަރަކާ ހަވާލާދީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ހޮލީވުޑް ފިލްމުތަކުން މަންޒަރުތައް "ބޮރޯ" ކުރުމަކީ ޗައިނާގެ އަސްކަރިއްޔާގެ ޕީއާރް ޑިޕާޓްމަންޓަށް އާންމު ކަމެއް ކަމަށެވެ. އެ ޑިޕާޓްމަންޓްގެ ހުރިހާ އޮފިސަރުންހެން ބޮޑުވީ، ހޮލީވުޑް ފިލްމުތައް ބަލައިގެން ކަމަށާ، އެމެރިކާގެ ހަނގުރާމަ މަތީ ފިލްމުތަކަކީ އޮފިޝަލުންގެ މެދުގައި "ކޫލް" މަންޒަރުތަކެއް ކަމަށްވެސް އެ މަސްދަރާ ހަވާލަދީ ރިޕޯޓްކޮށްފައިވެއެވެ.