މަތިންދާ ބޯޓު އުފެއްދުމުގެ ސިނާއަތުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ އެއާބަސް ކުންފުނިން، ކޮމާޝަލް އުދުހުންތަކަށް ހާއްސަކޮށްގެން ތިމާވެއްޓާ ރައްޓެހި ގޮތަކަށް އުފައްދާ އާ މޮޑެލް ދައްކާލައިފިއެވެ.

ވައިގެ އުދުހުންތަކުގެ ސިނާއަތަށް އިންގިލާބީ އުފެއްދުންތަކެއް ތައާރަފު ކުރަމުން އަންނަ އެއާބަސް ކުންފުނިން އެންމެފަހުން ދައްކާލި ތިމާވެއްޓާ ރައްޓެހި މޮޑެލްއަކީ، ބޯޓު އުދުއްސާއިރު ޖައްވު ތެރެއަށް އެއްވެސް ވަރަކަށް ވިހަ ގޭސް ބޭރުވެގެން ނުދާނެ ގޮތަށް ފަރުމާކޮށްފައިވާ މޮޑެލްއެއް ކަމަށް މައުލުމާތު ލިބެއެވެ.

"ޒީރޯ-އީ"ގެ ނަމުގައި އެއާބަސްއިން ދައްކާލި މި މޮޑެލްގެ 3 ފަރުމާއެއް ހިމެނެއެވެ.

މި ފަރުމާއަކީ ހައިޑްރޮޖަން ބޭނުންކޮށްގެން ބޯޓު އޮޕަރޭޓް ކުރާ މޮޑެލްއެކެވެ. އެއާބަސް ކުންފުނިން ބުނާ ގޮތުގައި މިއީ ވައިގެ އުދުހުންތަކުގެ ސިނާއަތަށް ތާރީހީ ކަމެކެވެ. ނަމަވެސް، މުރާސިލުން ބުނާ ގޮތުގައި މިއީ މިފަދަ ފުރަތަމަ އީޖާދެއް ނޫނެވެ.

މުރާސިލުންގެ ވާހަކަ މިފަދަ ގޮތަކަށް ހުރިއިރު އެއާސްބަސް ކުންފުނިން ބުނީ އެ ކުންފުނީގެ ޓާބޯފޭން ފަރުމާއަކީ އެއްފަހަރާ 200 ފަސެންޖަރުން އުފުލޭނެ މޮޑެލްއެއް ކަމަށާ، 2000 މޭލަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާނެ ކަމަށެވެ. ނަމަވެސް ޓާބާޕްރޮޕް ކޮންސެޕްޓްގެ ކެޕޭސިޓީއާއި ރޭންޖަކީ މީގެ 50 ޕަސެންޓް ކުޑަ ރޭންޖެއް ކަމަށެވެ.

ކަން މިހެން އޮތްއިރު، މި ކޮންސެޕްޓްގެ ދަށުން ބޯޓު އުދުއްސުމަށް އެއާޕޯޓްތަކުން ވަރަށް ވަރުގަދައަށް ތާއްޔާރުވާންޖެހޭނެ ކަމަށާ، ރީފިއުލިންގް އިންފްރާންސްޓްރަކްޗާ ވަރުގަދަ ކުރުމަށް ގިނަ އަދަދެއްގެ ފައިސާވެސް އިންވެސްޓް ކުރަން ޖެހޭނެ ކަމަށް އެއާބަސް ކުންފުނިން ވަނީ އިއުތިރާފުވެފައެވެ.