ކޮވިޑް-19 އަށް ޕޮޒިޓިވްވާ ދަރިވަރުންނާއި ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓްވާ ދަރިވަރުންނަަށް ވެސް އޭލެވެލް އިމްތިހާނުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ އިމްތިހާން ހެދުމަށް އަންނަ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެ މިނިސްޓްރީންވެސް މަސައްކަތްތަކެއް ރާވާފައި ވާނެ ކަމަށެވެ.
މާލޭ ސަރަހައްދާއި އަތޮޅު ތެރޭގެ އިމްތިހާން ހަދާ ސެންޓަރުތަކުގައި އަމަލުކުރާނެ ގޮތް ތަފާތުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މާލޭ ސަރަހައްދުގެ ހަތަރު ސެންޓަރެއްގައި އިމްތިހާނު ހަދާ ދަރިވަރަކު އެއްވެސް ސެންޓަރަކުން ބައްޔަށް ޕޮޒިޓިވް ވެފައި ވާނަމަ އަދި އެ ދަރިވަރަކީ އިމްތިހާން ހެދޭ ހާލަތެއްގައި ހުރި ދަރިވަރެއް ކަމަށް ވާނަމަ ޕޮޒިޓިވް ވެފައިވާ ހުރިހާ ދަރިވަރުން ތިބޭނީ ވަކިން އެއް ސެންޓަރެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ދަރިވަރުން ތިބި ތަނަކުން އިމްތިހާން ހެދުމަށް ސެންޓަރުތަކަށް ގެނައުމުގެ މަސައްކަތް މިނިސްޓްރީ އާއި އެޗްޕީއޭ ގުޅިގެން ކުރާނެކަމަށާއި އެއިން ދަރިވަރެއްގެ ސިއްހީ ހާލަތު ގޯސްވެދާނެ ހާލަތަށް ވެސް ތައްޔާރަށް ތިބި ކަމަށާއި އެކަމަށް ވަކި އެސްއޯޕީއެއް ކަނޑައަލާފައި ވާނެ ކަމަަަށް އޭނާ ވިދާޅުވިއެވެ.
އަދި ޕޮޒިޓިވް ދަރިވަރަކާއި ކޮންޓެކްޓް ވެފައިވާނަމަ އެ ކޮންޓެކްޓްވި ކުއްޖާއަށްވެސް ވަކި ސެންޓަރެއްގައި އިމްތިހާން ހެދުމުގެ ފުރުސަތު ދީފައިވާނެ ކަމަށް އިހްސާން ވިދާޅުވިއެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ދަރިވަރަކު ޕޮޒިޓިވް ވެއްޖެ ނަމަ އިމްތިހާން ހެދުމަށް ބޭނުންވާ ވަސީލަތްތަށް ފޯރުކޮށްދެވޭނެ ކަމަށާއި އެކަމަށްވެސް ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އިހްސާން ވިދާޅުވީ ސެންޓަރުތަކުގައި ތިބޭ ޗީފް އިންވިޖިލޭޓަރުންނަަަށް ވަކި ހާއްްސަ ތަމްރީނުތަކެއް ދޭނެ ކަމަށާއި އަދި އެކަންކަމުގެ ތަފްސީލު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އިމްތިހާނު ކުރިއަށްދާ ގޮތްވެސް އެސްއޯޕީގައި ހިމަނާފައިވާ ކަމަށެވެ. އަތޮޅު ތެރޭގައި އެކަންކަން ބަލާއި އިންތިޒާމު ކުރުމަަށް ފޯކަލް ޕޮއިންޓުން އައްޔަން ކޮށްފައިވާ ކަމަަށް ވެސް އޭނާ ވިދާޅުވިއެވެ.
އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރެވޭނެ ކަމަށް އިހްސާން ވިދާޅުވީ އިމްތިހާނަށް ވަނުމުގެ ކުރިން ދަރިވަރުގެ ޓެމްޕްރޭޗާ ބެލޭނެ ކަމަށާއި ގައިދުރުކަމުގެ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.