ފެނަކަ ކޯޕަރޭޝަން އާ ގުޅޭ ކޮރަޕްޝަނުގެ 22 މައްސަލަ އެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ނިންމައިފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފެނަކައާ ގުޅޭ ގޮތުން ހުށަހެޅި 28 މައްސަލައިގެ ތެރެއިން 22 މައްސަލަ ތަހުގީގު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި 28 މައްސަލައިން 22 އަށް މަދުވީ ބައެއް މައްސަލަތައް އެއްކޮށްލައިގެން ބަލަން ނިންމާފައިވާތީ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީއަށް މައްސަލަ ހުށަހަޅާފައިވަނީ އެކުންފުނީގެ މުވައްޒަފުންނެވެ. އެގޮތުން ފެނަކައިގެ މުވައްޒަފުން ވަނީ މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި އެ ކުންފުނި މެދުވެރިކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ މައްސަލަތައް އޭސީސީ އަށް ހުށަހަޅާފައެވެ.

އޭގެެ ތެރޭގައި ވަޒީފާއާ ގުޅުން ހުރި މައްސަލަތަކާއި ޕްރޮކިއުމަންޓާ ގުޅެ މައްސަލަތަކެއް ހުރިކަމަށް އޭސީސީން ބުނެއެވެ.

މި ސަރުކާރު އައި ފަހުން ފެނަކައާ ދެކޮޅަށް މިހާ ގިނަ ތުހުމަތުތައް ކުރި މީ ފުރަތަމަ ފަހަރެވެ. ކުރީގެ ސަރުކާރުގައި ފެނަކައާ ދެކޮޅަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ. އަދި އޭގެތެރެއިން ގިނަ މައްސަލަަތަކެއް ވަނީ އޭސީސީން ތަހުގީގުވެސް ކޮށްފައެވެ.