ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ދަށުން "ކޮވިޑް ހުއްޓުވާނީ އަހަރެން - ރައްޔިތުންގެ ކެމްޕެއިން" ގެ ނަމުގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް، ވީޑިއޯ އަދި ފޮޓޯ މުބާރާތެއް މިއަދު ހުޅުވާލައިފިއެވެ.

އަގުހުރި ފައިސާގެ އިނާމު ހުށަހެޅިފައިވާ އެ މުބަރާތުގައި ވީޑިއޯއާއި ފޮޓޯ ތައްޔާރު ކޮށް ފޮނުވަން ޖެހޭނީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭނާ ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުވާނެ ހިޔާލެއް ނުވަތަ މެސެޖެއް ދެވޭ ވީޑިއޯއާއި ފޮޓޯއެވެ.

ވީޑިއޯ މުބާރާތުގައި ބައިވެރިކުރާ ވީޑިއޯއެއްގެ ދިގުމިން 30 ސިކުންތަށް ވުރެ ދިގުވެގެން ނުވާނެއެވެ. ވީޑިއޯގައި އޯޑިއޯ ވޮއިސް، ބެކްމިއުޒިކް ހިމަނާނަމަ، ހިމަނަންވާނީ ސާފުކޮށް އަޑުއަހަން ފަސޭހަ ވާނެ ގޮތަކަށެވެ. އަދި ހުރިހާ ވީޑިއޯއެއް ހުންނަން ވާނީ، mp4 ފޯމެޓްގައެވެ.

ފޮޓޯ މުބާރާތުގައި ހިމަނާ ފޮޓޯތަކުގައި، ތީމް އާ ގުޅޭ ގޮތުން ދޭ މެސެޖް އަދި އަސަރު ސާފުވާން ވާނެއެވެ. އަދި ފޮޓޯތައް ހުންނަންވާނީ، JPG, JPEG PNG ފޯމެޓްގައެވެ.

ވީޑިއޯ އަދި ފޮޓޯ މުބާރާތުން ކުރެ ކޮންމެ މުބާރާތަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ. ވަނަ ވަނަ އަށް ދާނީ މުބާރާތް ނިމޭއިރު، އެންމެ ގިނަ ލައިކް އަދި ޝެއާ ލިބިފައި ހުންނަ ވީޑިއޯ އަދި ފޮޓޯއެވެ.

1 ވަނަ ވީޑިއޯ އަށް 15،000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާއިރު، 2 ވަނަ ވީޑިއޯ އަށް 10،000 ރުފިޔާ ލިބޭނެއެވެ. އަދި 3 ވަނަ ވީޑިއޯ އަށް 7،000 ރުފިޔާ ލިބޭނެއެވެ.

1 ވަނަ ފޮޓޯ އަށް 10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާއިރު، 2 ވަނަ ފޮޓޯއަށް 5،000 ރުފިޔާ ލިބޭނެއެވެ. އަދި 3 ވަނަ ފޮޓޯ އަށް 3،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވީޑިއޯ އަދި ފޮޓޯ މުބާރާތުގައި ބައިވެރި ކުރާ ތަކެތި މިމަހުގެ 30 ވާ ބުދަދުވަހުގެ އިރު އޮއްސި 6:00 އަށް ފޮނުވަން ވާނެއެވެ. ތަކެތި ފޮނުވާނީ 7231002 ޓެލެގްރާމް ނަންބަރަށެވެ.

މުބާރާތުގައި ބައިވެރި ކުރާ ތަކެތި، އަންނަ މަހުގެ 1 ވަނަ ދުވަހު "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭނުގެ ފޭސްކްބް ޕޭޖުގައި ޕޯސްޓްކޮށް ޝެއާ ކުރުމަށާއި ލައިކްސް ހޯދުމަށް އާންމުކޮށް ހުޅުވާލާނެއެވެ. މި މުބާރާތުގެ ދަށުން ޕޯސްޓު ކުރާ ވީޑިއޯ އަދި ފޮޓޯ ޝެއާކޮށް ލައިކް ހޯދުމަށް ހުޅުވާލައި ފުރުސަތު ބަންދުވާނީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ޖަހާއިރުއެވެ. އަދި މުބާރާތުގެ ނަތީޖާ ފާޅުކުރާނެ ދުވަހާއި ވަގުތު އެ ދުވަހު އިއުލާން ކުރެވޭނެއެވެ.