އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް، މުމްބާއީއާ މާ ދުރު ނޫން ހިސާބެއްގައި އާންމުން ދިރިއުޅެމުންދިޔަ އިމާރާތެއް ވެއްޓި، މަރުވި މީހުންގެ އަދަދު 8 އަށް އަރައިފިއެވެ.

މިއަދު ފަތިހު ގިނަ ބަޔަކު ނިދާފައި ތިބި ވަގުތު، 3 ބުރީގެ އިމާރާތް ވެއްޓިގެން ހިނގި ހާދިސާގައި ބަޔަކަށް ވީނުވީ ނޭނގި ގެއްލިފައި ވާ ކަމަށްވެސް ޚަބަރު ލިބެއެވެ.

ނޭޝަނަލް ޑިޒާސްޓާ ރެސްޕޯންސް ފޯސް (އެންޑީއާރްއެފް) ގެ އިސްވެރިޔާ ސަތްޔާ ޕްރަދާން ވިޑާލުވީ، ވެއްޓިފައި އިމާރާތުގެ ތެރޭގައި އަދިވެސް 20-25 މީހަކު ތާށިވެފައިވާކަމުގެ ރިޕޯޓްވަނީ ލިބިފައެވެ.

އެންޑީއާރްއެފްއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މަންޒަރުތަކަށް ބަލާއިރު، ކަމާ ބެހޭ ފަރާތްތަކުން ދަނީ ދިރިހުއްޓާ މީހަކު ފެނޭތޯ ބެލުމަށް ހިންގާ ރެސްކިއު އޮޕަރޭޝަންގައި ކުއްތާވެސް ބައިވެރިކުރަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ވެއްޓުނު އިމާރާތަކީ، ނުރައްކާ އިމާރާތްތަކުގެ ލިސްޓުގައި ހިމެނޭ އިމާރާތެކެވެ. އަދި އެ އިމާރާތް ހުސްކުރުމުގެ އަމުރެއްވެސް އޮތީ ނެރެފައެވެ.

މިދިޔަ މަހުވެސް އިންޑިއާގައި އިމާރާތެއް ވެއްޓި، 13 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2017 ވަނަ އަހަރުވެސް އިންޑިއާގެ އެކި ހިސާބުތަކުގައި ހިނގި މިފަދަ ހާދިސާތަކުގައި 1200 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.