އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން، މިމަހު 27ގެ ކުރިން އިމްތިހާނު ހަދާ ސެންޓަރަށް ދާން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން އެދިއްޖެއެވެ.

ޑީޕީއީ އިން ނެރުނު އިއުލާނެއްގައި ބުނީ އެޑެކްސެލް އޭ ލެވެލް އިމްތިހާން ހަދާ ދަރިވަރުން އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށް ނޫން އެހެން ރަށްރަށުގައި ތިބި ނަމަ، 2020 ވަނަ އަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އިމްތިހާނު ހެދުމަށްޓަކައި، އެ ކެންޑިޑޭޓަކު އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށަކަށް މިމަހުގެ 27 ވާ އާދީއްތަ ދުވަހުގެކުރިން ދިއުމަށް އިލްތިމާސް ކުރާކަމަށެވެ.

މި އަހަރުގެ މޭ އަދި ޖޫން ގައި ބާއްވަން ހަމަޖައްސާފައިވާ އެޑެކްސެލް އޭލެވެލް އިމްތިހާނު، ކޮވިޑް-19 އާ ގުޅިގެން ވަނީ އޮކްޓޯބަރާއި ނޮވެމްބަރުގައިި ބާއްވަން ނިންމާފަައެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ. އެއަށް ފަހު ކުދިންނަށް ކިޔަވައި ދިނުުމުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކިލާސް މެދުވެރިކޮށާއި އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ.

އަލުން ސްކޫލްތައް ހުޅުވާފައިވަނީ ޖުލައި މަހުއެވެ. އެގޮތުން މާލެ ސަރަހައްދުގެ ސްކޫލުތައް ފިޔަވައި އެހެން ހުރިހާ ރަށްތަކުގެ ސްކޫލުތަކުގައު ގްރޭޑް 1 އިން ގްރޭޑް 12 އަށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އަދި މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާފައި ވަނީ ގްރޭޑް 9 އިން ގްރޭޑް 12ގެ ދަރިވަރުންނަށެވެ.

ނަމަވެސް ކޮވިޑް ފެތުރުން އިތުރުވެފައި ވާތީ އަނެއްކާވެސް މާލޭގެ ސްކޫލްތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށާފައެވެ.