ރެކޯޑް އަދަދަކަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރިޕޯޓްކުރަމުންދާ އަވަށްޓެރި އިންޑިއާއިން ގިނަ އަދަދެއްގެ އޮފިޝަލުންތަކެއްވެސް މި ބައްޔަށް ޕޮޒިޓިވްވެ، ގާނޫނު ހަދާ މަޖިލީހުގައި މިހާރު ކުރިއަށް ދައުރު ކުރު ކޮށްލުމަށް ސަރުކާރާއި އިދިކޮޅު މެމްބަރުން އިއްތިފާގުވެވަޑައިގެންފިއެވެ.
އެގޮތުން މިހާރު ކުރިއަށްދާ ދައުރުގައި ފާސްކުރުމަށް ހަމަޖެހިފައިވާ މުހިންމު ބިލްތައް ފާސްކޮށް ނިމުމާއެކު ދައުރު ނިންމާލުމަށް އެއްބަސްވުމަކަށް އައިސްފައި ވާ ކަމަށް ޚަބަރު ލިބެއެވެ. ރަސްމީ މަސްދަރުތަކާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، މި ފެށުނު ހަފުތާގެ މެދަކާ ހިސާބުގައި މަޖިލިސް ދައުރު ނިންމާލެނެ ކަމަށް ބެލެވެއެވެ. މިކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ ގާނޫނު ހަދާ މަޖިލީހުގެ ކަންކަމާ ބެހޭ ކެބިނެޓް ކޮމިޓީއިން ކަމަށް މައުލޫމާތު ލިބެއެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި މިހާރު ކުރިއަށްދާ ދައުރު ފެށީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އޭރު ތާވަލުކޮށްފައި އޮތީ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް، ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބައެއް މެމްބަރުން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ކަމަށް މިހާރު ޚަބަރު ލިބެއެވެ. އޭގެ ތެރޭގައި ޔޫނިއަން މިނިސްޓަރުން ކަމަށް ވާ ނިތިން ގަދްކާރީއާއި ޕްރަލާދް ޕަޓޭލް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވާ ކަން ހާމަކުރައްވާފައެވެ. ޖުމުލަ 30 މެމްބަރަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވާއިރު، 20 މެމްބަރަކު ޕޮޒިޓިވް ވީ މިހާރު ކުރިއަށްދާ މަޖިލިސް ދައުރު ފެށި ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.
އިންޑިއާއިން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 5.4 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ.
ކޮވިޑް-19ގެ އެންމެ ނުރައްކާ އެއް މަންޒިލުގެ ގޮތުގައި ސިފަކުރަމުން އަންނަ އިންޑިއާގައި ގާނޫނު ހަދާ މަޖިލިހުގެ ޖަލްސާތައް ބާއްވަން ފެށީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއެކުގައެވެ. ދައުރުގެ ޖަލްސާތައް ފެށުމަށް ފަހުގައިވެސް ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ އޮޕަރޭޝަންތައް ގަވައިދުން ކުރިއަށް ގެންދާ ކަމަށް މައުލޫމާތު ލިބެއެވެ.