އިނގިރޭސިވިލާތަށް މިހާރު ކުރިމަތިލާން ޖެހިފައި ވަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ 2 ވަނަ ރާޅު ކަމަށާ، މިއީ އެ ގައުމަށް ކުރިމަތިލާން ނުޖެހި ނުދާނެ ހާލަތެއް ކަމަށް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

ކަން މިހެން އޮތް ނަމަވެސް، ލޮކްޑައުންގެ ހަރުކަށި އަމުރުތަކެއް ތަންފީޒު ކުރައްވަން ބޭނުންފުޅު ނުވާ ކަމަށާ، ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރުމާ ގުޅޭ ފިޔަވަޅުތައް ހަރުކަށި ކުރައްވާނެ ކަމަށް ޖޯންސަން ވިދާޅުވިއެވެ.

އެގޮތުން، 3 ދަރަޖައަކަށް ބަހަލައިގެން ފިޔަވަޅުތައް އަޅާނެ ކަމަށް ބެލެވެއެވެ. އިނގިރޭސިވިލާތުން މިހާރު އަމާޒު ހިފާފައިވަނީ މުޅި ގައުމު ލޮކްޑައުންއަކަށް ނުގޮސް، އެއް ގެއިން އަނެއް ގެއަށް ބަލި ފެތުރުނަ ނުދީ، ކޮންޓްރޯލް ކުރުމަށެވެ.

ކުރިއަށް އޮތީ ފިނި މޫސުމުގެ ދުވަސްވަރު ކަމަށް ވާއިރު، ވައިރަހުގެ އިތުރު ކޭސްތަކެއް ފެންމަތިވެދާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާކުރެއެވެ. އެހެންކަމުން، ބަހާރު މޫސުމާ ހިސާބަށް ފިޔަވަޅުތައް ދަންމާލުމަށްވެސް ބައެއް އޮފިޝަލުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އިނގިރޭސިވިލާތުގެ އަދުގެ ހާލަތަށް ބަލާއިރު އިއްޔެވެސް އެގައުމުން ވަނީ 4322 ކޭސް ރެކޯޑް ކޮށްފައެވެ. މިއާއެކު އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ، 385805 އަށް އަރާފައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު، އިނގިރޭސިވިލާތް އުޅެނީ 14 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރަމުންދާ ގައުމުގެ ގޮތުގައެވެ.