ފުލުހުންނާއި ސިފައިންނަށް ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި 44.5 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮވިޑް-19 އާއި ގުޅިގެން ދެވޭ ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި އެމްއެންޑީއެފާއި ޕޮލިހުގެ 6518 މުވައްޒަފުންނަށް 44.5 މިލިއަން ރުފިޔާ އިއްޔެ ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި މިއާއެކު ފުރަންޓްލައިން އެލަވަންސްގެ ގޮތުގައި 78 މިލިއަން ރުފިޔާ މިހާތަނަށް ދޫކުރެވިފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެގޮތުން ސިފައިންގެ 3334 މުވައްޒަފަކަށް 24 މިލިއަން ރުފިޔާ ބަހާފައިވާއިރު، ފުލުހުންގެ 3184 މުވައްޒަފަކަށް ވަނީ 20.5 މިލިއަން ރުފިޔާ ބަހާފައެވެ.

ޖުމްލަ 78 މިލިއަން ރުފިޔާ ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވާއިރު، ފްރޮންޓްލައިން އެލަވަންސް ދިނުމުގައި ތަފާތުކުރުން ގެންގުޅެފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އިހުތިޖާޖު ވެސް ކޮށްފައެވެ. އެގޮތުން، އެކި މީހުންނަށް އެކި އަދަދަށް އެލަވަންސް ދޭއިރު ރިސްކް ގައި މަސައްކަތް ކުރާ ބައެއް މީހުންނަށް އެލަވަންސް ނުލިބޭ ކަމަށް ބުނެ ހުޅުމާލޭ ހޮސްޕިޓަލުގެ މުވައްޒަފުން ވަނީ އިހުތިޖާޖުކޮށްފައެވެ. އެ ފަރާތްތަކުން ބުނީ، ގޭގައި ތިބެ ވަޒީފާއަށް ނުނިކުންނަ ފަރާތްތަކަށް ވެސް އެލަވަންސް ދީފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެމުން ދާ މިދަނޑިވަޅުގައި އިގްތިސޯދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސް ގިނަ ބަޔަކު ވަނީ ވަޒީފާ ގެއްލި ނުވަތަ މުސާރަ ކުޑަ ވެ އާމްދަނީއަށް ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. މިފަދަ ދަނޑިވަޅެއްގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އަދި ކޮވިޑް އާ ގުޅިގެން ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައެވެ.