އަންނަ އާދިއްތަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އަނެއްކާވެސް މާސް އިންސްޕެކްޝަނެއް ހިންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނިންމައިފިއެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް 19 އާއި ގުޅިގެން އެއެޖެންސީން އާއްމު ކޮށްފައިވާ ގައިޑްލައިން ތަކާއި އެއްގޮތަށް އަމަލު ކުރަމުންގެންދޭތޯ ބެލުމަށްޓަކައި، އެއެޖެންސީ އާއި ސަރުކާރުގެ އެހެނިހެން އިދާރާތައް ގުޅިގެން މިމަހު 20 އިން ފެށިގެން ގްރޭޓާ މާލޭ ސަރަހައްދުގައި މާސް އިންސްޕެކްޝަނެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުގެ އޮފީސްތަކާއި، ޕްރައިވެޓް އޮފީސްތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ރެންޑަމްކޮށް އިންސްޕެކްޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ އާއްމު ހިދުމަތްދޭ ތަންތަނުން އެއުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމަށްޓަކައި މީގެކުރިންވެސް އެއެޖެންސީން ހިންގާފައިވާ މާސް އިންސްޕެކްޝަންގެ އިތުރު ބުރެއް އެތާރީހުން ފެށިގެންކުރިޔަށް ގެންދާނެ ކަމަށެވެ. އަދި އެއިންސްޕެކްޝަންގައި އުސޫލުތަކާ ހިލާފަށް އާއްމު ހިދުމަތްދޭކަން ފާހަގަ ކުރެވޭތަންތަނާއި މެދު ފިޔަވަޅު އެޅޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެގޮތުން އުސޫލާއި ހިލާފަށް ތަނުގައި ހިދުމަތްދޭނަމަ ފުރަތަމަ ފަހަރު ނަމަ 48 ގަޑިއިރަށް ތަން ބަންދު ކުރާނެއެވެ. އަދި ތަން އަލުން ހުޅުވޭނީ ބަންދުކުރާ ވަގުތުން ފެށިގެން 48 ގަޑިއިރުފަހުން ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.

ދެވަނަ ފަހަރު ނަމަ ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން 72 ގަޑިއިރު ފަހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން 5 ދުވަސް ފަހުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ގެންދަނީ ދޭތެރެ ދޭތެރެއިން އިންސްޕެކްޝަން ހިންގަމުންނެވެ.