ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމުން ވަކިވެ ވަޑައިގަންނަވާ ބޭފުޅުންނަށް ގާނޫނީ ވަކީލުކަން އެއް އަހަރު ވަންދެން ނުކުރެއްވޭ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް ތަސްދީގު ކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ބިލެވެ. އެ ބިލަކީ، މިދިޔަ މަހުގެ 31 ވަނަ ދުވަހު މަޖިލީހުނެ ފާސް ކުރި ބިލެކެވެ. އެ ގާނޫނު ބުނާ ގޮތުން ޕީޖީ ކަމުން ވަކިވުމަށް ފަހު އަންނަ ފުރަތަމަ އެއް އަހަރުގެ ތެރޭގައި ޕީޖީގެ މަގާމުގެ މަސްލަހަތާ ފުށުއަރާ ވަޒީފާއެއް ނުވަތަ މަސައްކަތެއް، އެ މަގާމުން ވަކިވާ މީހަކު އަދާކޮށްގެން ނުވާނެ ކަމަށެވެ.

ޕީޖީ މަގާމުގައި ހުރެ ވަކިވާ ފަރާތް އޭނާއަށް އެއްވެސް ފައިދާއެއް ނުވަތަ މަންފާއެއް ލިބޭގޮތުން، ނުވަތަ އެހެން ފަރާތަކަށް ފައިދާއެއް ނުވަތަ މަންފާއެއް ހޯދައިދިނުމުގެ ގޮތުން، ނުވަތަ ހިލޭ ސާބަހަށް ކަމުގައިވިޔަސް އަމިއްލަ ފަރާތްތަކަށް ގާނޫނީ ހިދުމަތްދީގެން ނުވާނެ ކަމަށްވެސް އަލަށް ގެނައި އިސްލާހުތަކުގައި ބުނެއެވެ.

އެ ގާނޫނުގައި ޕީޖީ ޒިންމާ އަދާ ކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި، އިތުރު ވަޒީފާ އަދާ ނުކުރުމާއި، އާމްދަނީއެއް ލިބޭ ފަދަ އެހެން އެއްވެސް މަސައްކަތެއް ނުކުރުމަށާއި، މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށާއި، ސިޔާސަތުތައް އެކަށަ އެޅުމަށާއި، ސުލޫކީ ހަމަތަކާއި ހިލާފުވުން ފަދަ ކަންކަމުގައި އަމަލު ކުރާނެ ގޮތް ހިމަނާފައި ވެއެވެ.

މީގެ އިތުރުން މާލީ ހިސާބު ހުށަހެޅުމަށާއި ސުލޫކީ ހަމަތަކާއި މުވައްޒަފުން ހިލާފުވުމުން އަމަލުކުރާނެ ގޮތުގެ ތަފްސީލު ވެސް ހިމެނެއެވެ.