އައްޑޫގެ ތަރައްގީއަކީ އެއްވެސް ރައީސެއްގެ ފައިންޕުޅު ދަށުގައި އޮންނަން ޖެހޭ އެއްޗެއް ނޫން ކަމަށް ބުނެ، އައްޑު ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދަށް ވަރުގަދަ ރައްދެއް ދީފިއެވެ.

އޭޑީސީން މިހެން ބުނީ، މުލިއާގޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރެއްވުމަށް ފަހު އަހްމަދު ރަޝީދު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އެ ޓްވީޓުގައި އޭނާ ވިދާޅުވީ، ރައީސް ސޯލިހްގެ ފައިންޕުޅު ދެކެވަޑައިގަންނަވައިފި ކަމަށާއި، އައްޑޫ ސިޓީގެ ތަރައްގީ ރައީސް ސޯލިހް ޔަގީން ކޮށްދެއްވާފައިވާ ކަމަށެވެ.

އެގޮތުން އަހްމަދު ރަޝީދު ވަނީ މި ބައްދަލުވުމުގައި އާސަންދައިގެ ހިދުމަތް އައްޑޫން ލިބި، ހިތަދޫގެ ނަރުދަމާގެ މަސައްކަތް ފެށި، ހޮސްޕިޓަލުގެ ހިދުމަތް އިތުރަށް ފުޅާ ކުރެވި ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވި ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އޭޑީސީން ބުނީ އައްޑޫ ސިޓީގެ ތަރައްގީގެ ޕްލޭން ވަނީ މަޖިލިސް އިންތިހާބުގެ ކުރިން އިއުލާންކޮށްފައި ކަމަށާއި، އައްޑޫގެ ތަރައގްީއަކީ އެއްވެސް ރައީސެއްގެ ފައިންޕުޅުގެ ދަށުގައި އޮންނަންޖެހޭ އެއްޗެއް ނޫން ކަމަށެވެ. އަދި އައްޑޫ ސިޓީގެ ކައުންސިލާއި ކަންކަން ހަވާލުކޮށްގެން އައްޑޫ ރައްޔިތުންނަށް ބަލަން ނުތިބެވޭނެ ކަމަށް އޭޑީސީން ބުނެއެވެ.

އޭޑީސީން މިހެން ބުނެފައިވާއިރު، އައްޑޫގައި ޖުމްލަ 43 މަޝްރޫއެއް ހިންގަން ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ނިމިފައިވާއިރު، ބައެއް މަޝްރޫއުތަކުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ. ނުފަށާ ތިބި މަޝްރޫއުތައް ފެށުމުގެ ތައްޔާރީތައް ވެސް ދަނީ ވަމުންނެވެ. އެއީ ބޭރުގެ އެހީގައި ކުރިއަށް ގެންދާ 24 މަޝްރޫއާއި ދިވެހި ސަރުކާރުގެ ބަޖެޓުން ފަންޑުކޮށްގެން ކުރިއަށް ގެންދާ 19 މަޝްރޫއެވެ.

މި މަޝްރޫއުތަަކަށް ސަރުކާރުގެ ބަޖެޓުން 277 މިލިއަން ރުފިޔާއާއި، ބޭރުގެ އެހީ އިން 4.9 ބިލިއަން ރުފިޔާއާއެކު ޖުމްލަ 5.2 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.