ބީއެމްއެލްގެ ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށް ކުރެވުނު ކަމުގައިވިޔަސް، ބޭސްފަރުވާ އާއި ތައުލީމާ ގުޅުން ހުރި ކަންކަމުގައި ފައިސާ ދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުނެފިއެވެ.

ބީއެމްއެލުން ވަނީ މިގޮތަށް ވަގުތީ ލިމިޓެއް ބޭނުންވާ ކަސްޓަމަރުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވުމަށް އެދިފައެވެ. އެގޮތުން، އިންޓަރނެޓް ބޭންކިންގެ ސާވިސް ޓައިޕް މެނޫގައި ހިމެނޭ 'ޓެމްޕަރަރީ ކާޑް ލިމިޓް' ހިޔާރު ކުރުމަ ށްފަހު ވީސާގެ ކޮޕީއަކާއެކު ބޭންކަށް ހުށަހެޅުމަށް އެ ބޭންކުން އެދެއެވެ.

ބޭންކުން ބުނީ، ލިބޭ ހުށަހެޅުން 24 ގަޑިއިރުތެރޭ ޕްރޮސެސް ކުރުމަށްފަހު، ލިމިޓް ހަމަޖެހުމުން ބޭންކުން ކަސްޓަމަރަށް ގުޅާނެ ކަމަށެވެ. އަދި ހަމައެހެންމެ މިހާރެކޭ އެއްގޮތަށް ކޮލެޖް، ޔުނިވާސިޓީތަކާއި ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާ ޓީޓީ މެދުވެރިކޮށް ފޮނުވާ ކަސްޓަމަރުންނަށް ރުފިޔާ އެކައުންޓުން ޓީީޓީ ފޮނުވޭނެ ކަމަށް ވެސް ބޭންކުން ބުނެއެވެ.

މިއަދުން ފެށިގެން ބީއެމްއެލުން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދެއްކަމުގައި 250 ޑޮލަރު ވަނީ ކަނޑައެޅިފައެވެ. އަދި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ބޭންކުން މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުންކުރެވޭނެ ގޮތް ހަމަޖައްސައިފައިވާއިރު، މި އަދަދުތައް ކަނޑައެޅިފައި މިވަނީ ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ ބޭރުގެ މުއާމަލާތްތަކަށެވެ. ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކަސްޓަމަރުންކުރާ މުއާމަލާތްތައް މިހާރެކޭ އެއްގޮތަށް ކުރެވޭނެއެވެ. އެއީ ދުވާލަކަށް 3000 ޑޮލަރެވެ.

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބީއެމްއެލް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް މިހާރެކޭ އެއްގޮތަށް ކޮންމެ މީހަކަށް 500 ޑޮލަރު ގަނެވޭނެއެވެ. އަލަށް އަދަދުތައް ކަނޑައެޅިފައިވާއިރު ޑޮލަރު ޕޯޓަލް އިން ގަންނަ ޑޮލަރުގެ އަދަދަށް ބަދަލެއް ނާދެއެވެ.

މިހާރެކޭ އެއްގޮތަށް ބީއެމްއެލް ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް މަހަކު 2000 ޑޮަލަރު ނެގޭނެއެވެ. އަލަށް އަދަދުތައް ކަނޑައެޅިފައިވާއިރު ޑޮލަރު އެޓީއެމް އިން ނެގޭ ފައިސާގެ އަދަދަށް ބަދަލެއް ނާދެއެވެ.