ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލަށް ގެނައި ބަދަލު، ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ބަލައިދިނުމަށް މަޑުއްވަރީ ދާއިރާގެ މެެންބަރު އާދަމް ޝަރީފް އުމަރު އެދިވަޑައިގެންފިއެވެ.

ސަރުކާރު ސްކޫލުތަކުގައި ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައަޅާނެ އުސޫލެއް މިދިޔަ ބުރާސްފަތި ދުވަހު އާއްމު ކޮށްފައި ވާއިރު އެސޫލުގައި ބުނާގޮތުން ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން ހުރެވޭނީ 8 އަހަރުއެވެ.

އުސޫލަށް ބަދަލު ގެނައުމާ ގުޅިގެން ޕްރިންސިޕަލު، އެއް ސްކޫލެއްގައި ހުންނާނީ ދެ އަހަރުގެ ޓާމުގެ ގޮތުގައެވެ. މިހާރު ތިބި ޕްރިންސިޕަލުންގެ މަގާމު ދެމި އޮންނާނެ ކަމަށާއި ފުރަތަމަ ހަތަރު އަހަރުގެ ޓާމް ފެށިގެން ދާނީ އުސޫލާ އެއްގޮތަށް މަސައްކަތްކުރާ ސްކޫލު ކަނޑައަޅާ 4 އަހަރުގެ ޓެނިއުއާ ހަވާލުކުރާ ތާރީހުން ފެށިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެއުސޫލާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެމައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި އާދަމް ޝަރީފް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ. އެގޮތުން އެސިޓޯގައި ބުނެފައިވަނީ ކޮމިޓީއަކުން ޕްރިންސިޕަލުން ވަޒީފާ އަދާ ކުރާ ސްކޫލު ކަނޑައެޅުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށެވެ.

އޭގެ އިތުރުން، ވަޒީފާ އަދާކުރާތަން ވަޒީފާ ބަޔާނުގައި ކަނޑައަޅާފައި އޮންނަންޖެހޭ ކަމަށް ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، ކޮމިޓީއަކުން ޕްރިންސިޕަލުން ވަޒީފާ އަދާ ކުރަންޖެހޭތަން ކަނޑައަޅާ ގޮތަށް އުސޫލު އެކުލަވާލުމަކީ ވަޒީފާއާބެހޭ ގާނޫނާ ތައާރުޒުވާކަމެއް ކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފައެވެ.

އެ އުސޫލުގެ ސަބަބުން ގާބިލު ޕްރިންސިޕަލުން ލިބުން ދަތިވެ، ސްކޫލުތަކުގެ ހިންގުން ހީނަރުވެ، ދަރިވަރުންގެ ކިޔުވުމަށް އެކަމުގެ ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެތީ، އެ އުސޫލުގައިވާ ގާނޫނީ އަދި އިޖުރާއީ މައްސަލަތައް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ބަލައިދިނުމަށް އެސިޓީގައި ވަނީ އެދިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އުސޫލަށް ގެނެވުނު ބަދަލާއެކު އެއްވެސް ޕްރިންސިޕަލެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެކަން މިނިސްޓްރީން ކަށަވަރު ކުރާނެ ކަމަށް ބުނެފައެވެ.

އެގޮތުން އެއުސޫލުގެ ސަބަބުން ޕްރިންސިޕަލުންނަށް ކުރާނެ ފައިދަތަކުގެ ތެރޭގައި ލިބިފައިވާ އިލްމާއި ތަޖުރިބާ ތަފާތު މާހައުލެއްގައި ބޭނުންކޮށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ތަފާތު އެކި ސަބަބުތަކާ ހުރެ (ދަރިވަރުންގެ އާބާދީ މަދުވުން، ސްކޫލް އިންފްރާ ސްޓްރަކްޗަރ، މުވައްޒަފުންގެ އަދަދު ފަދަ) މިހާރު މަސައްކަތްކުރާ ތަނުގައި ތަޖުރިބާ ކުރެވެން ނެތް އާ ކަންކަން ތަޖުރިބާކޮށް ނަތީޖާ ނެރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި ހަމައެހެންމެ އަމިއްލަ ނަފްސުގެ ކުރިއެރުމާއި ތަރައްގީއަށް ކުރިން މަސައްކަތްކުރި މާހައުލުން ލިބެން ނެތް އާ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.