ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫގައި އަޅާފައިވާ 264 ފްލެޓްގެ ތެރެއިން، ޝަރުތު ހަމަވުމުން ޕޮއިންޓް ދީފައި ވާ ފަރާތްތައް ހިމެނޭ ވަގުތީ ލިސްޓެއް އާންމު ކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕްލެޓަށް ޝަރުތު ހަމަވާ ޑީ ކެޓަގަރީގައި ހިމެނޭ 32 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 835 ފަރާތުން ކުރިމަތި ލާފައިވާ ކަމަށެވެ.
ޕޮއިންޓް ލިބިފައި ވާ ގޮތާމެދު، އިތުރަށް ކަމެއް ސާފުކުރުމަށް ބޭނުންވާ ފަރާތްތަކާއި، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށް ފަހު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ނުވަތަ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަވަށުއޮފީހަށް، މި މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ޝަކުވާ ހުށަހަޅާ ފޯމް އެއިދާރާއާއި އަވަށު އޮފީސްތަކުން ލިބޭނެ ކަމަށާއި އެ ފޯމް އެއިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.
ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިއުލާން ކުރެވޭނީ، ހުށަހަޅާ ޝަކުވާތަކާ ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މައުލޫމާތާ ގުޅިގެން، އެ ލިސްޓަށް ގެންނަން ޖެހޭ އުނިއިތުރެއް ވާނަމަ، އެ އުނިއިތުރެއް ގެނައުމަށް ފަހުގައި ކަމަށްވެސް އެ އިއުލާންގައި ވެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިތަދޫގައި 264 ފްލެޓު އަޅާފައިވާ އިރު ހުޅުދޫގައި ވަނީ 48 ފްލެޓު އަޅާފައެވެ. މި ފްލެޓު ތަކުގެ ތެރެއިން ހިތަދޫގައި އިމާރާތްކުރި 264 ފެލެޓުގެ ތެރެއިން ބައެއް ފްލެޓު ވަނީ މަރަދޫ އަދި ފޭދޫ މީހުންނަށް ހާއްސަކޮށްފައެވެ. ކައުންސިލުން ބުނެފައި ވަނީ ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހޭ އިރު މަހު ފީގެ ގޮތުގައި 3،000 ރުފިޔާ ދައްކަންޖެހޭނެ ކަމަށެވެ.