ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އަލަށް އައްޔަންކުރި މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްދަލުކުރައްވައި ސިވިލް ސާވިސްގެ ކަންކަން ހަރުދަނާކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރާއި ސީއެސްސީއާ ދެމެދު ވިލަރެސްކުރާ ކޮމިޓީއަށް އަލަށް ގުޅިވަޑައިގެންނެވި އެކޮމިޝަނުގެ އާ މެންބަރުންނާއި އެކު މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، ނައިބު ވަނީ ސީއެސްސީއަށް އަލަށް ގުޅުނު 4 މެންބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ ސިވިލް ސާވިސްގެ މުވައްޒަފުންކަން ފާހަގަކުރައްވައި ސިވިލް ސާވިސްގެ ހިދުމަތުގެ ފެންވަރު މަތިކުރުމާއި އަދި ހުރިހާ ފަރާތްތަކެއް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސިވިލް ސާވިސް ގައި ހުރި ހައްލުހޯދަންޖެހޭ ކަންކަމަށް ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި ހައްލު ހޯއްދަވައި މުޅި ސިވިލް ސާވިސްގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކޮށްދެއްވުމަށް ސީއެސްސީގެ މެންބަރުންގެ ކިބައިން އެދިވަޑައި ގަންނަވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ބާކީނުވާނެގޮތަށް ސިވިލް ސާވިސް ތެރެއިން ކަންކަން ބައްޓަން ކޮށްދިނުމަށާއި އެފަދަ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދިނުމަށް ނައިބު އެދިވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމުގައި ސީއެސްސީގެ މެންބަރުން ވަނީ ސިވިލް ސާވިސްގެ ކަންކަން ކުރިމަގުގައި ބައްޓަންކުރުމުގައި އެބޭފުޅުންގެ ވިސްނުންފުޅު ހުރިގޮތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ. އަދި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރާއި ސީއެސްސީއާ ދެމެދު ވިލަރެސްކުރާ ކޮމިޓީގައި ސަރުކާރުގެ ފަރާތުން ހިމެނޭ މެންބަރުން ވަނީ ސިވިލް ސާވިސްގެ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ހިޔާލު ހިއްސާކުރައްވާ މަޝްވަރާކުރައްވާފައެވެ.