ހިއުމަން ރައިޓްސް ކޮމިޝަނު (އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްއާރްސީއެމް އިން ބުނީ އެކޮމިޝަނުގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ހުޅުވާލުމުން އެކަމަށް އެދުނު ފަރާތްތަކަށް، ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ނުވާތީ، އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އެޗްއާރްސީއެމްގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހު 21، 22 އަދި 23 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސް އޮފީހުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެޗްއާރުސީއެމްގެ ހަތަރު މަގާމަކަށް އައްޔަނުކުރަން 8 ފަރާތެއްގެ ނަން ދިރާސާ ކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މީގެ ކުރިން ވަނީ ފޮނުވާފައެވެ. އެގޮތުން އެނަންތަކުގެ ތެރެއިން އެޗްއާރުސީއެމްގެ ހުސްވެފައިވާ މެންބަރުންގެ މަގާމުތަކަށް އައްޔަންކުރުމަށް ރުހުންދީފައިވަނީ 3 ފަރާތަކަށެވެ.

މިމަހު އަށް ވަނަ ދުވަހު އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަގާމަށް ތިން ފަރާތެއް އައްޔަން ކޮށްފައިވާއިރު އައްޔަންކުރި ތިން ފަރާތަކީ ސ. ފޭދޫ، ޑޯރެންސީވިލާ، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި، މ. ޖިއެނާ، މުއުމިނާ ވަހީދު އަދި މއ. މާވެޔޮގެ، ޑރ. އަހުމަދު އަދުހަމް އަބްދުﷲއެވެ.

އެޗްއާރްސީއެމްގެ ހުސްވެފައިވާ މެންބަރުންގެ މަގާމުތަކަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެކޮމިޝަނުގެ 3 މެންބަރުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

އެގޮތުން މިދިޔަ މަހުގެ 19 ވަނަ ދުވަހު އެ ކޮމިޝަންގެ މެމްބަރު މޫސާ އަލީ ކަލޭފާނު މަގާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ކޮމެޓީން ކުރިއަށް ގެންދަނިކޮށް، ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އަދި އެ ކޮމިޝަނުގެ މެމްބަރު އާއިޝަތު އަފްރީން މުހައްމަދު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.