މީގެ 4 އަހަރު ކުރިން އުފައްދާފައިވާ ސިއްހީ ހިދުމަތުގެ ފެންވަރު ބެލުމުގެ އެންމެ އިސް ފަރާތް ކަމުގައިވާ "ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރަންސް'" ގެ މަގާމަށް މީހަކު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާން ކޮށްފިއެވެ.

ސީއެސްސީން ކޮށްފައިވާ އިއުލާނުގައި ބުނީ އެ މަގާމަށް ކުރިމަތިލާ ފަރާތަކީ މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން ހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ކަމަށެވެ.

އެ މަގާމުގައި ޖުމްލަ މުސާރައިގެ ގޮތުގައި މަހަކު 24،640 ރުފިޔާ ލިބެއެވެ.

އެ މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މި މަހުގެ 22 ވާ އަންގާރަ ދުވަހުގެ 2:00 ގެ ކުރިން، ސިވިލް ސާވިސް ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްް ގެ މަގާމަކީ މީގެ 4 އަހަރު ކުރިން އަމަލު ކުރަން ފެށި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެދަށުން އުފައްދާފައިވާ މަގާމެކެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެ މަގާމަށް މީހަކު އައްޔަނު ކޮށްފައެއް ނުވެއެވެ.