އާ އުސޫލުގެ ސަބަބުން ޕްރިންސިޕަލުންގެ ހައްގު ގެއްލިގެން ނުދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެެވެ.

ސަރުކާރު ސްކޫލުތަކުގައި ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސްކޫލު ކަނޑައަޅާނެ އުސޫލެއް މިދިޔަ ބުރާސްފަތި ދުވަހު އާއްމު ކޮށްފައި ވާއިރު އެސޫލުގައި ބުނާގޮތުން ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން ހުރެވޭނީ ވިދިވިދިގެން 8 އަހަރުއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެކަމުގެ ސަބަބުން އެއްވެސް ޕްރިންސިޕަލެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެކަން މިނިސްޓްރީން ކަށަވަރު ކުރާނެ ކަމަށެވެ.

އެގޮތުން އެއުސޫލުގެ ސަބަބުން ޕްރިންސިޕަލުންނަށް ކުރާނެ ފައިދަތަކުގެ ތެރޭގައި ލިބިފައިވާ އިލްމާއި ތަޖުރިބާ ތަފާތު މާހައުލެއްގައި ބޭނުންކޮށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ތަފާތު އެކި ސަބަބުތަކާ ހުރެ (ދަރިވަރުންގެ އާބާދީ މަދުވުން، ސްކޫލް އިންފްރާ ސްޓްރަކްޗަރ، މުވައްޒަފުންގެ އަދަދު ފަދަ) މިހާރު މަސައްކަތްކުރާ ތަނުގައި ތަޖުރިބާ ކުރެވެން ނެތް އާ ކަންކަން ތަޖުރިބާކޮށް ނަތީޖާ ނެރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި ހަމައެހެންމެ އަމިއްލަ ނަފްސުގެ ކުރިއެރުމާއި ތަރައްގީއަށް ކުރިން މަސައްކަތްކުރި މާހައުލުން ލިބެން ނެތް އާ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ އެގޮތަށް އުސޫލަށް ބަދަލު ގެނައުމާ ގުޅިގެން ޕްރިންސިޕަލު އެއް ސްކޫލެއްގައި ހުންނާނީ ދެ އަހަރުގެ ޓާމުގެ ގޮތުގައި ކަމަށެވެ. މިހާރު ތިބި ޕްރިންސިޕަލުންގެ މަގާމު ދެމި އޮންނާނެ ކަމަށާއި ފުރަތަމަ ހަތަރު އަހަރުގެ ޓާމް ފެށިގެންދާނީ އުސޫލާ އެއްގޮތަށް މަސައްކަތްކުރާ ސްކޫލު ކަނޑައަޅާ 4 އަހަރުގެ ޓެނިއުއާ ހަވާލުކުރާ ތާރީހުން ފެށިގެން ކަމަށެވެ.

އެގޮތުން ފުރަތަމަ ހަތަރު އަހަރު ހަމަވުމުން އެހުރި ސްކޫލެއްގައި ހުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެހެން ސްކޫލަކަށް ބަދަލުވާން ބޭނުންވާ ކަމުގައިވާނަމަ އެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އެހެންނަމަވެސް އަށް އަހަރު ވުމުން އެ ސްކޫލަކުން ޕްރިންސިޕަލް ބަދަލުވާން ޖެހޭނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

އެކަމުގެ ސަބުން ސްކޫލްތަކުގެ ކުރިއެރުމަށް ކުރާނެ ބައެއް ފައިދާތަކުގެ ތެރޭގައި ސަރުކާރުގެ ސްކޫލްތަކުގެ ގާއިމުކުރެވިފައި ސްކޫލް ނެޓްވޯކް ތެރޭގައި ހިމެނޭ ހުރިހާ ސްކޫލްތަކަށްވެސް ޕްރިންސިޕަލުންގެ ހިންގުނެތެރި ވިސްނުމާއި އާ އީޖަދުތަކާއި ކަންކަން ތަޖުރިބާ ކުރުމުގެ ފުރުސަތުލިބި، ސްކޫލްތަކުގެ ހިންގުމުގެ ފެންވަރު މަތިވެ، އެ ސްކޫލްތަކުން ދަރިވަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.