މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަސާސީ ގަވާއިދު ބުނާގޮތުން މިވަގުތު ޕާޓީގެ އެންމެ އިސް ފަރާތަކީ ރައީސް ސޯލިހެވެ. އެމްޑީޕީގެ އެންމެ އިސް ފަރާތަކާ މެދު ސުވާލު އުފައްދާ ސޯޝަލްމީޑިއާގައި ބަހުސް ކުރަމުންދާ އިރު އަސާސީ ގަވާއިދު ބުނަނީ އިސްވާނީ އެވަގުތު ރައީސަކަށް ހުންނަވާ ބޭފުޅަކީ ޕާޓީއަށް ނިސްބަތްވާ ފަރާތެއް ނަމަ އެފަރާތެކެވެ.

މިކަން މިހެން އޮތް ނަމަވެސް، އެމްޑީޕީން މިދިޔަ ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ އެ ޕާޓީގެ ރައީސް ކަމަށެވެ. އަދި އެ ޕާޓީގެ އެންމެ އިސް މަގާމަކީ އެއީ ކަމަށާއި ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސްފަރާތަކީވެސް ރައީސް ނަޝީދު ކަމަށެވެ.

އެހެންކަމުން، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅު ޕާޓީގެ އާންމު މެންބަރުންނާ ހިއްސާ ކުރެއްވުމާއި، އެ ވިސްނުންފުޅާ އެއްގޮތަށް ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގެވުމުގެ އިސް ދައުރު އަދާކުރެއްވުމަކީ ޕާޓީގެ ރައީސްގެ މަސައްކަތުގެ މަސްއޫލިއްޔަތެއް ކަމަވެސް އެ ޕާޓީން ބުނެއެވެ.

އެމްޑީޕީން އެދަފައިން ބުނެފައި ވާއިރު، މިވަގުތު އެމްޑީޕީ ގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ އެންމެ އިސްފަރާތަކީ އެއިރެއްގައި ހުރި ރައީސްއަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސް ފަރާތަކީ އެއީ ކަމަށެވެ. އެހެން ކަމުން މިވަގުތު އެ ޕާޓީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެމްޑީޕީގެ އެންމެ އިސް ފަރާތްތަކުގެ ތަރުތީބު ދައްކުވައިދޭ ސްކްރީން ޝޮޓެއް

ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސްފަރާތަކީ ޕާޓީގެ ރައީސް ކަމަށާއި އެއިރެއްގައި ހުރި ރައީސްގެ ނައިބަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ ދެން އެންމެ އިސް ފަރާތަކީ، އޭނާ ކަމަށްވެސް އެ ގަވައިދުގައި ވެއެވެ.

އެމްޑީޕީގެ އެންމެ އިސް ފަރާތަކީ ރައީސް ނަޝީދު ކަމަށް ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީއަށް ފޮނުއްވި ސިީޓީއެވެ.