އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން މިފަދައިން އިލްތިމާސް ކޮށްފައި ވަނީ، އިދިކޮޅުން ސައިކަލު ބުރެއް ބާއްވަން ނިންމާފައި ވަނިކޮށެވެ. އެއްވުންތައް ރާވަމުން ދާއިރު، އާންމު ސިއްހަތަށް ކުރިމަތި ވެފައިވާ ނުރައްކަލުގެ ސަބަބުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން (ޑީޖީ) ވަނީ އެއްވުންތައް ނުބޭއްވުމަށް އަންގަވާފައެވެ.

ފުލުހުން ވަނީ މި ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއް ނުވުމަށާއި، ރައްޔިތުންގެ ރައްކާތެރިކަން އިސްކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެޗްޕީއޭގެ އެންގުންތަކާއި އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ބާއްވާ، އަދި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ފުލުހުން މިފަދައިން އިލްތިމާސްކޮށްފައިވާއިރު، އެންމެފަހުން އިދިކޮޅުން ބޭއްވި ސައިކަލު ބުރުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފު ވުމުގެ ސަބަބުން ޕީޕީއެމް، ޕީއެންސީ އަދި އެ ޕާޓީގެ އިސްވެރިން ވަނީ ޖޫރިމަނާކޮށްފައެވެ. އެގޮތުން އެ ޕާޓީ 75000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާއިރު، އިސްވެރިންގެ ތެރެއިން ކޮންމެ މީހަކު ވަނީ 1000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

އިދިކޮޅު ޖޫރިމަނާ ކުރުމުން، އެ ޖޫރިމަނާ ދެއްކުމަށް "ހައްގު ފޮށި" ނަމުގައި ވަނީ ފަންދު ފޮއްޓެއް ވެސް ހުޅުވާފައެވެ.