ޅ. ނައިފަރުން މިއަދު ކޮވިޑް ކޭސްއެއް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ޅ. ނައިފަރުން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ފަރާތަކީ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނެއް ކަމަށާއި އަދި އޭނާއަކީ އެރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓެއް ކަމަށެވެ.

ދާދި ފަހުން ނައިފަރުން ކޮވިޑަށް މީހަކު ޕޮޒިޓިވް ވެފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ ފުރަބަންދުގައި ހުރި އުމުރުން 33 އަހަރުގެ އަންހެނެކެވެ. މީގެ އިތުރުން މި މަހުގެ 1 ވަނަ ދުވަހު ނައިފަރުން ވަނީ 4 މީހަކު ޕޮޒިޓިވް ވެފައެވެ. އެ މީހުން ޕޮޒިޓިވް ވެފައިވާ ކަން އެނގިފައި ވަނީ ފުރަބަންދު ކަރަންޓީނު ނިންމުމަށް ފަހު ނެގި ސާމްޕަލްތަކުންނެވެ.

މިއަދު ކޮވިޑަށް ރަށްރަށުން ޕޮޒިޓިވްވީ ފަރާތްތަކުގެ ތަފްސީލް ހާމަ ކުރަމުން އެޗްޕީއޭއިން އިން ބުނީ ހޯޑެއްދޫން އިތުރު ދެ ކޭސް ފެނިފައިވާ ކަމަށެވެ. އެއީ 18 އަހަރުގެ ދެ ފިރިހެނުން ކަމަށާއި އަދި އެއީ އެ ރަށުން ޕޮޒިޓިވްވި މީޙުންގެ ކޮންޓެކްޓުންގެ ތެރެއިން ފެނިފައިވާ މީޙުން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ތ. ވޭމަނޑޫއިން 54 އަހަރުގެ އަންހެނަކާއި ދުވާފަރުން 23 އަހަރުގެ އަންހެނަކާއި ނ. މަނަދޫން ދިވެހި ފިރިހެނެއް ވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.