ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އަށް ޒިޔާރާތް ކުރައްވައި، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ސާފު ކުރައްވައިފިއެވެ.

އެ ޒިޔާރަތުގައި އެޗްއީއޯސީ ގައި މިއަދު މެންދުރު ކުރީގައި ބޭއްވި ހެލްތް އިމާޖެންސީ ކޯޑިނޭޝަން ކޮމިޓީގެ ބައްދަލުވުމުގައި ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރިޔާސަތު ބަލަހައްޓަވާ ބައްދަލުވުމެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެ ބައްދަލުމުގައި ރައީސް ވަނީ، ކޮވިޑް-19 އިޖާބައިގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ މީހުންނަށް، އަދި ވަކިން ހާއްސަކޮށް ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަސް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިމަތިވި ދަތި އުނދަގޫ ގޮންޖެހުންތަކާއި، ފިޔަވަޅުތަކާއިއެކު ވެސް އެފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ، މި ދުވަސްވަރު މާލެ ސަރަޙައްދުން ކޯވިޑް-19 ބަލި ޖެހެމުންދާ މީހުންގެ އަދަދުތައް ދަށްވަމުންދިޔަ ނަމަވެސް، ރާއްޖޭގެ އެހެން ސަރަޙައްދުތަކުން މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާއިއެކު، އެ ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްއީއޯސީގެ ބައްލުވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އަދި، އެއީ ސަރުކާރުން ވެސް މި ވަގުތު އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭ އެއް ކަންތައްކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.

މިއަދުގެ ޒިޔާރަތުކުރެއްވުމުގައި ރައީސް ވަނީ އެޗްއީއޯސީގައި ގާއިމުކޮށްފައިވާ އެކި މުއައްސަސާތަކުގެ ސްޓޭޝަންތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގައި މަސައްކަތް ކުރާ މީހުންނާ ބައްދަލުކޮށް އެ މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުން ވަނީ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް އަށް މައުލޫމާތު ހިއްސާކޮށްފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.