މިއަހަރުގެ ގައުމީ އިނާމަށް 94 ފޯމު ހުށަހަޅާފައިވާކަން ގައުމީ އިނާމާބެހޭ ކޮމިޓީން ހާމަކުރައްވައިފިއެވެ.

އިނާމަށް ހުށަހެޅި ފަރާތްތައް އިނާމަށް ޝަރުތު ހަމަވޭތޯ ބެއްލެވުމާއި، ފޯމުތައް ދިރާސާ ކުރައްވައި ޕޮއިންޓް ދެއްވުމުގެ މަސައްކަތް އެކޮމިޓީން މިހާރު ގެންދަވަނީ ކުރައްވަމުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެގޮތުން ގައުމީ އިނާމު މިއަހަރުވެސް ދެއްވުމަށް ހަމަޖެހިފައިވަނީ މައިގަނޑު 33 ދާއިރާއަކުން ކަމަށާއި ގައުމީ އިނާމަށް މިއަހަރު ހުށަހެޅި 94 ފޯމު ހުށަހަޅާފައިވަނީ އެ 33 ދާއިރާގެ ތެރެއިން 26 ދާއިރާއަށް ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީއަށް ކުރަމުންގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތަކުގެ ސަބަބުން މުޖުތަމަޢަށް ކުރާ ފައިދާ ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމުގެ މަގުސަދުގައި ދެވޭ އިނާމެކެވެ.

ސަރުކާރުން އެ އިނާމު ފުރަތަމަ ދެއްވަން ފެށްޓެވީ، އާންމު ހިމަތުގެ އިނާމުގެ ނަމުގައި 1979 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން 2007 ވަނަ އަހަރުގެ ނިޔަލަށް، މި އިނާމު ގަވާއިދުން ދެއްވަމުން ގެންދަވާފައިވެއެވެ. 2009 ވަނަ އަހަރުން ފެށިގެން މި އިނާމު ދެއްވަމުން ގެންދަވަނީ، ގައުމީ އިނާމުގެ ނަމުގައެވެ.

ގައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމަކީ، ގައުމާއި މުޖުތަމައަށް ފައިދާހުރިގޮތެއްގައި، ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވާ އިނާމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމަކީ، އެކަށީގެންވާ މުއްދަތެއްގައި، ދެމެހެއްޓެނިވިގޮތަކަށް ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށާއި ފަރާތްތަކަށް ދެއްވާ އިނާމެކެވެ.

މިދިޔަ އަހަރުން ފެށިގެން ގައުމީ އިނާމު ދެއްވަމުން ގެންދަވަނީ ގައުމީ ދުވަހުއެވެ.