މުޅި ރާއްޖޭއަށް ހުޅުވައިލި ފުރަތަމަ ވާޗުއަލް ރަން ކަމަށްވާ 'އުރީދޫ އަތޮޅު ދުވުން'، 20 އަތޮޅަކުންނާއި ރާއްޖޭން ބޭރަށް ނިސްބަތްވާ 5800 ދުވުންތެރިންނާއި އެކު ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

އުރީދޫން ބުނީ މިދިޔަ މަހުގެ 28 އިން 31ގެ ނިޔަލަށް، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އެ ދުވުމުގައި، ރާއްޖޭގެ ހުރިހާ އަތޮޅުންނާއި ރާއްޖޭން ބޭރުން 5800 ދުވުންތެރިން ބައިވެރިވެފައިވާ ކަމަށެވެ.

އުރީދޫން ބުނީ 'އުރީދޫ އަތޮޅު ދުވުން' ވާޗުއަލް ރަންގެ މައިގަނޑު މަގްސަދަކީ ކުޅިވަރު ނުވަތަ ކަސްރަތު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދީ، އެންމެން އެއްތަންވެގެން އުޅެވެން ނެތް ދުވަސްވަރެއްގައި، އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޯދާދިނުން ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސާ، ހުސެން ނިޔާޒް ވިދާޅުވީ އަތޮޅު ދުވުމަކީ މުޅި ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދިޔަ ފުރަތަމަ ރަން ކަމަށާއި މި ރަންއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އަދި ރާއްޖެއިން ބޭރުންވެސް ވަރަށް ހޫނު ތަރުހީބެއް ލިބުނު ކަމަށެވެ.

އަދި މިފަދަ ދަނޑިވަޅެއްގައި، އެއްތަނެއްގައި ނުތިބިކަމުގައިވިޔަސް އެއްއިވެންޓެއްގައި އެކި ހިސާބުތަކުން މީހުން ބައިވެރިވެ، އެ އެއްބައިވަންތަކަން ފެނިގެންދިޔުމަކީ އުރީދޫއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ހަމައެއާއިއެކު މި ރަން ގައި ބައިވެރިވުމަށްޓަކައި އެތައްބަޔަކު ތައްޔާރުވެ، އަމިއްލަ ލަނޑުދަނޑިތައް ހާސިލް ކުރާތަންފެނިގެން ދިޔަ ކަމަށާއި މިއީވެސް އުފާވެރި މަންޒަރަކަށްވެގެންދިޔަ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އަތޮޅުދުވުމުގެ ރަން ޑައިރެކްޓަރު، ހުސެން ޝުޖާއު ވިދާޅުވީ މި ރަންއަކީ ރާއްޖޭގައި ބޭއްވުނު ފުރަތަމަ ވަރޗުއަލް ރަންއަށްވެފައި، ރާއްޖޭގެ އެކި ހިސާބުތަކުންވެސް ދުވުމުގައި ބައިވެރިވެ ފުރިހަމަކުރި ފުރަތަމަ ރަންއަށް ވުމުން، އަތޮޅު ދުވުމުގެ ރަން ޑައިރެކްޓަރކަން ކުރަން ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ރަންއަށް ލިބުނު ބޮޑު ކާމިޔާބީ އާއި ތަރުހީބުން، ދުވުމަށް އަދި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް އުފެދިފައިވާ ޝައުގުވެރިކަން ފެނިގެންދިޔަ ކަމަށާއި މި ދުވުމުގައި ބައިވެރިވި ބައެއް ދުވުންތެރިން އަލަށް 5 ކިލޯމީޓަރު ފުރިހަމަކޮށްފައިވެސް ހުރި ކަމަށެވެ. މި ފަދަ މަންޒަރުތަކަކީ ދުވުން ކުރިއަރުވަން ލިބޭ ހިތްވަރެއް ކަމަށާއި އެހެން ދުވުންތެރިންނާއި ދުވަން ބޭނުންވާ ފަރާތްތަކަށްވެސް ލިބޭނެ ހިތްވަރެއްކަމަށް ޝުޖާއު ވިދާޅުވިއެވެ.

'އުރީދޫ އަތޮޅު ދުވުން' ފެށުމާއި އެކު ދުވުމުގެ ތެރެއިން ނަގާފައިވާ އުފާވެރި ހިތްގައިމު މަންޒަރުތައް އަދި 5 ކިލޯމީޓަރު ހަމަކުރިކަމުގެ "ރަން ރޫޓް" ސްކްރީންޝޮޓްތަކާއި ވަރޗުއަލް މެޑަލް، ސޯޝަލް މީޑިއާގައި ދުވުމުގެ ބައިވެރިން ޝެއާ ކުރަމުން ގެންދިޔައެވެ. ދުވުން ފުރިހަމަ ކުރުމަށް އިތުރު ހިތްވަރެއްގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ވަނީ އަތޮޅު ދުވުމުގެ ޕާޓްނަރުންގެ ތެރެއިން ހެބިޓަސް ފްރެޝް، ދަ މެރަތަން ޝޮޕް އަދި މެޑްމެކްސް ބިސްޓްރޯ އާއި ގުޅިގެން ނަސީބުވެރި ފަރާތްތަކަށް ހާއްސަ އިނާމްތަކެއްވެސް ވަނީ އިއުލާންކޮށްފައެވެ.

އެގޮތުން ދުވުމަށް ރެޖިސްޓަރވުމުން ލިބޭ ވަރޗުއަލ ބިބް ސޯޝަލް މީޑިއާގައި ޝެއާ ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއްފަރާތަކަށް އޮޕޯ އޭ1ކޭ ފޯނެއް ލިބުމާއި ދުވުމުގެ ތެރެއިން ނަންގަވާފައިވާ ފޮޓޯ، ސޯޝަލް މީޑިއާގައި ޝެއާ ކުރައްވާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް އެންމެ ފަހުގެ އައިފޯން އެސްއީ އެއް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

އަދި ދުވުން ނިންމުމަށްފަހު، ވާޗުއަލް މެޑަލް ސޯޝަލް މީޑިއާގައި ޝެއާ ކުރައްވާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 5 ފަރާތަކަށް ދަ މެރަތަން ޝޮޕްގެ ފަރާތުން 1000 ރުފިޔާ ގެ ވައުޗާ އަދި ނަސީބުވެރި 3 ފަރާތަކަށް މެޑްމެކްސްގެ ފަރާތުން ދެ މީހަކަށް ރޭގަނޑުގެ ކެއުމަކާއި ދުވުން ނިންމުމަށްފަހު، މެޑަލް ޕޯޓަލް އަށް ދުވިގޮތުގެ ސްކްރީންޝޮޓް އަޕްލޯޑް ކުރައްވާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 100 ފަރާތަކަށް، 100 ރުފިޔާގެ ވައުޗާއެއް ހެބިޓަސް ފްރެޝްގެ ފަރާތުން ދޭ ހާއްސަ އިނާމެއްގެ ގޮތުގައި ލިބޭނެ ކަމަށްވެސް އުރީދޫން ބުނެއެވެ.

އެ އިނާމު ތަކުގެ ނަސީބުވެރިންގެ މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި އިއުލާނު ކުރެވިގެންދާނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.