އިިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން އެކަހެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.

‏އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް، އިނގިރޭސިވިލާތުގައި ހުންނަވައި ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި އެމްޑީޕީގެ ސްލޮޓެއްގައި މިވަގުތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު ފައްޔާޒް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތުމަށް ނަޝީދަށް ފެނިވަޑައިގަންނަވާ ކަމަށް ދަންނަވަނީ ޕާޓީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެެވެ. ނަމަވެސް އެ ކަމުގެ ތަފްސީލެއް ނަޝީދު ހާމައެއް ނުކުރައްވައެވެ.

‏ނަޝީދާއި އެމްޑީޕީ ގެ އެއްވެސް މެމްބަރަކާއި އަދި އެހެން އެއްވެސް ފަރާތަކާވެސް އެއްވެސް އިރެއްގައި ޒާތީ މައްސަލައެއް ނެތް ކަމަށާއި، އަދި އެއްވެސް މިނިސްޓަރަކާވެސް ޒާތީ މައްސަލައެއް ނެތް ކަމަށްވެސް ނަޝީދު ވިދާޅުވެއެވެ. ނަމަވެސް ނަޝީދު ވަނީ އެ ސިޓީ ޕާޓީގެ ވީހާވެސް ގިނަ ބަޔަކަށް ފެންނާނެ ގޮތް ހައްދަވައިދެއްވުމަށް ޗެއާޕަންގެ ކިބައިން އެދިވަޑައިގެންފައެވެ.

މިކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ، އޭނާވެސް އެދިވަޑައިގަންނަވަނީ އެސިޓީ ވީހާވެސް ގިނަ ބަޔަކަށް ފެނުން ކަމަށެވެ.

‏"ރައީސް ނަޝީދު އެދިވަޑައިގަންނަވާ ގޮތަށް ވީހާވެސް ގިނަ އެމްޑީޕީ މެންބަރުންނާއި އަދި ދިވެހި ރައްޔިތުންނަށް އެ ސިޓީ ހިއްސާވާނެ ގޮތެއް އަލުގަނޑުވެސް އެދެނީ"
ފައްޔާޒު

‏މިހާރުގެ އިކޮނޮމިކް މިނިސްޓަރު ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި ޕާޓީ އިން ނަޝީދާއި ހަވާލުވެވަޑައިގެންފައި ވަނީ ސިޔާސީ މަސައްކަތެއް ކަމަށްވެސް ނަޝީދު ވިދާޅުވެއެވެ. އަދި މިނިސްޓަރު އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އިލްތިމާސް ކުރައްވަނީ އެއީ ނަޝީދުގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށްވެސް ވިދާޅުވެއެވެ.

‏އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި މިދިޔަ ހޯމަ ދުވަހު ހަވީރު ނަޝީދު ވަނީ، މިހާރު ފައްޔާޒާ ދެކޮޅަށް 30 ސޮއި ހަމަ ކުރެއްވިފައި ވާ ކަމަށާއި އަދި 35 ސޮއި ހަމަކުރެއްވުމަށް ފަހު، އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

‏ނަޝީދު ވަނީ އެމްޑީޕީގެ ތެރޭގައި ހިނގާ ކަންތައްތައް ޕާޓީގެ ތެރެއިން ނިންމުން ރަނގަޅުވާނެ ކަމަށާއި ފައްޔާޒުު ވެސް ޕާޓީއަށްޓަކައި ދުވަސް ކޮޅަކަށް ބޭރުގައި މަޑުކުރެއްވުން ރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

‏އެގޮތުން ފަހަތަށް ޖެހެން ޖެހޭ ފަހަރު އެމަނިކުފާނުވެސް ފަހަތަށް ޖެހިވަޑައިގަންނަވާ ކަމަށް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

‏މީގެ ކުރިން އެމްޑީޕީ ތެރޭގައި "ބްރޯ" ހެދިގެން ނޫޅެވޭނެ ކަމަށް ވިދާޅުވެ، ނަޝީދު، ވަނީ ފައްޔާޒު އަށް އިންޒާރު ވެސް ދެއްވާފައެވެ.

‏ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަށް ކުރިން ކުރެއްވވި މަސައްކަތުގައި ނަޝީދަށް ހަމަ ކުރެއްވުނީ 19 ސޮއިއެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރަން 44 ވޯޓު ބޭނުން ވާއިރު، އެ އަދަދަށް ނަޝީދަށް އަދި ވޯޓު ހަމަކުރެއްވިފައެއްވެސް ނުވެއެވެ. އަދި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެ މައްސަލައިގައި ނަޝީދާ ދެކޮޅަށް ވެސް ނުކުންނަވާފައެވެ. ނަމަވެސް ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅޭ ސަބަބެއް މިހާތަނަށް އެކަމުގައި އުޅުއްވާ ބޭފުޅުން ހާމަކުރައްވާފައެއް ނުވެއެވެ.