ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އަސްޓްރާޒެނީކާއާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ތަރައްގީ ކުރަމުންދާ ވެކްސިންގެ ތަހުލީލީ މަރުހަލާގެ ބައިވެރިއަކު އަދާޔާ ހިލާފަށް ބަލިވުމާ ގުޅިގެން، 3 ވަނަ މަރުހަލާގެ ޓެސްޓުތައް ވަގުތީ ގޮތުން މަޑުޖައްސާލައިފިއެވެ.

3 ވަނަ މަރުހަލާގެ ޓެސްޓުތަކަކީ، އާންމުންނާ ހިސާބަށް ވެކްސިން ގެނައުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އެންމެ ވަރުގަދަ އަދި، އެންމެ ފަހު މަރުހަލާގެ ޓެސްޓުތަކެވެ.

އަސްޓްރާޒެނީކާއާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ތަރައްގީ ކުރަމުންދާ ވެކްސިންގެ ތަހުލީލީ މަރުހަލާގެ ބައިވެރިންގެ ތެރެއިން، އާދަޔާ ހިލާފަށް ބަލިވެފައިވަނީ އިނގިރޭސިވިލާތުގެ ބައިވެރިއެއް ކަމަށް ޚަބަރު ލިބެއެވެ. އަސްޓްރާނެޒީކާއިން ބުނީ، އާންމު އުސޫލުން މަޑުޖައްސާލާ މަޑުޖައްސާލުމެއް ކަމަށާ، މި ހާލަތަށް ދާން ޖެހުނީ ބަޔާންކޮށްދޭން ނޭނގޭ ބައްޔެއްގެ ސަބަބުން ކަމަށެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް މޮޑާނާއިން ތަރައްގީ ކުރާ ވެކްސިން ތަޖުރިބާކުރަމުންދާ އިއާން ހޭޑަން/ފޮޓޯ: ވޮޝިންގްޓަން ޕޯސްޓް

ކޮވިޑް-19އިން ދިފާއުވާނެ ވެކްސިނެއް ތަރައްގީ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ދުވެލީގައި މަސައްކަތްތަކެއް ކުރަމުންދާއިރު، އަސްޓްރާޒެނީކާއާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ތަރައްގީ ކުރަމުންދާ ވެކްސިނަކީ އެންމެ ކާމިޔާބު އެއް ވެކްސިނަށް ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ވެކްސިނެކެވެ. ކާމިޔާބުކަމާއެކު 1 ވަނަ އަދި 2 ވަނަ މަރުހަލާގެ ޓެސްޓުތައްވެސް ނިމިފައިވާއިރު، އަސްޓްރާޒެނީކާއާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ތަރައްގީ ކުރަމުންދާ ވެކްސިނަކީ އެންމެ އަވަހަށް މާކެޓަށް ނެރެވޭނެ ވެކްސިނެއް ކަމަށްވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އަސްޓްރާޒެނީކާއާއި އޮކްސްފޯޑް ޔުނިވާސިޓީގެ ވެކްސިން، 3 ވަނަ މަރުހަލާގައި ތަހުލީލު ކުރަން ފެށިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. މި މަރުހަލާގައި، އިނގިރޭސިވިލާތް، ބްރެޒިލް، އެމެރިކާ އަދި ދެކުނު އެފްރިކާއިން 30000 އެއްހާ މީހުން ދަނީ ބައިވެރިވަމުންނެވެ. އާންމު ގޮތެއްގައި، 3 ވަނަ މަރުހަލާއަކީ، އެތައް އަހަރެއް ހާދަވާ މަރުހަލާއެކެވެ. ނަމަވެސް، ކޮވިޑް-19ގައި ވެކްސިނެއް ތަރައްގީ ކުރުމުގެ ޓައިމްލައިނަށް ވަނީ އިންގިލާބީ ބަދަލުތަކެއް ގެނެސްފައެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ޗައިނާގެ ސީނޯވެކް ބައޮޓެކް ކުންފުނިން ތަރައްގީ ކުރަމުންދާ

ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދާ 3 ވަނަ މަރުހަލާގެ ޓެސްޓުތައް މަޑުޖައްސާލާފައިވާއިރު، މި އޮޕަރޭޝަން އަލުން ފަށާނީ، މިނިވަން ތަހުގީގެއް ހިންގާ، މިއީ ރައްކާތެރި ކަމެއް ކަމަށް މުރާޖައާ ރިޕޯޓުން ދެއްކުމުން ކަމަށް ޚަބަރު ލިބެއެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ތަރުޖަމާނަކު ވިދާޅުވީ ފުޅާ ދާއިރާއެއްގައި ތަހުލީލުތައް ކުރިއަށް ގެންދާއިރު ބައިވެރިން ބަލިވެދާނެ ކަމަށާ، ނަމަވެސް، ދިރާސާއާއިގެން ކުރިއަށް ދެވޭނީ، ފަރުވާތެރިކަމާއެކު ހިންގާ، މިނިވަން މުރާޖައާކަށްފަހުގައި ކަމަށެވެ.

މިއީ އޮކްސްފޯޑް ޔުނިވާސިޓީގެ ވެކްސިން ތަހުލީލުތައް މަޑުޖައްސާލި 2 ވަނަ ފަހަރެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނާ ގޮތުގައި، ވެކްސިނެއް ތަރައްގީ ކުރުމުގެ މަސައްކަތް 180 އެއްހާ ކެންޑިޑޭޓުން ދަނީ ކުރަމުންނެވެ. ނަމަވެސް އެއްވެސް ވެކްސިނަކަށް އަދިވެސް ކުލިނިކަލް ޓްރަޔަލްތައް ފުރިހަމަ ކުރެވިފައި ނުވާކަމަށްވެސް އެއިދާރާއިން ބުނެއެވެ. މި އަހަރު ތެރޭގައިވެސް ވެކްސިނަކަށް ރުހުން ދެވިދާނެ ކަމަކަށް ޑަބްލިއުއެޗްއޯއިން ގަބޫލެއް ނުކުރެއެވެ. އަންނަ އަހަރުގެ މެދަކާ ހިސާބަށް ދެވުމުގެ ކުރިން، ފުޅާދާއިރާއެއްގައި އާންމުންނާ ހިސާބަށް ވެކްސިނެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށްވެސް ޑަބްލިއުއެޗްއޯގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ.

ރަޝިއާއިން އުފެއްދި ވެކްސިން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ދި އިކޮނޮމިކް ޓައިމްސް

ރަޝިއާއި ޗައިނާއިން އާންމު ބައެއް މުވައްޒަފުންނަށް ވެކްސިން ދިނުމުގެ އަމަލީ މަސައްކަތް ކުރަން ފަށާފައި ވީ ނަމަވެސް، ޑަބްލިއުއެޗްއޯއިން މި ވެކްސިންތައް އަދިވެސް ލިސްޓުކޮށްފައި ވަނީ ކްލިނިކަލް ޓްރަޔަލްތަކުގައި އުޅޭ ވެކްސިންތަކެއްގެ ގޮތުގައެވެ. ކަން މިހެން އޮތްއިރު، އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް ވަނީ، ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެގައުމުގައި އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން، ވެކްސިނެއް ލިބޭނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ. ނަމަވެސް، ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ މިކަމަށް އަމާޒުވެފައެވެ.

ކޮވިޑް-19އަށް ވެކްސިނެއް ތަރައްގީ ކުރުމުގައި ސިޔާސީ ކުލަ ޖެހިފައިވާއިރު، ނުފޫޒުގައި ޖެހި، ވެކްސިންގެ ސަލަމާތާއި ރައްކާތެރިކަން ގެއްލޭ ގޮތަށް އަމަލު ނުކުރާނެ ކަމަށް އިގުރާރުވި ފާމަސޫޓިކަލް ކުންފުނިތަކުގެ ތެރޭގައި، އޮކްސްފޯޑާއެކު ވެކްސިން ތަރައްގީ ކުރަމުންދާ އަސްޓްރާޒެނީކާވެސް ހިމެނެއެވެ.