ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގެ މެންބަރުކަމުގެ މަގާމަށް ތިން ފަރާތެއް އައްޔަން ކުރައްވައިފިއެވެ.

އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް މިއަދު އައްޔަންކުރެއްވި ތިން ފަރާތަކީ ސ. ފޭދޫ، ޑޯރެންސީވިލާ، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި، މ. ޖިއެނާ، މުއުމިނާ ވަހީދު އަދި މއ. މާވެޔޮގެ، ޑރ. އަހުމަދު އަދުހަމް އަބްދުﷲއެވެ.

މި ތިން ފަރާތް ވެސް އައްޔަންކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 190 ވަނަ މާއްދާގެ (ށ) އާއި، ގާނޫނު ނަންބަރު 2006/6 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީންނެވެ.

އާމިނަތު ޝިފާއަތު އަބްދުއްރައްޒާގަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސިޑްނީއިން މާސްޓަރސް އޮފް ކްރިމިނޮލޮޖީ ހާސިލުކުރައްވާފައިވާ ފަރާތެކެވެ. އޭނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ އެކްޓިން ސެކްރެޓަރީ ޖެނެރަލްގެ މަގާމެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް މިއަދު އައްޔަންކުރެއްވި މުއުމިނާ ވަހީދަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސިޑްނީއިން މާސްޓަސް އޮފް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން (އޭޝިއާ ޕެސިފިކް) ފުރިހަމަކުރައްވާފައިވާ ފަރާތެކެވެ. މުއުމިނާ މިއަދާ ހަމައަށް ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކޮންސަލްޓަންޓެއްގެ މަގާމުގައެވެ.

އޭގެ ތެރެއިން ޑރ. އަހުމަދު އަދުހަމް އަބްދުﷲ، ޑޮކްޓްރޭޓް އޮފް ފިލޯސޮފީ އިން ލޯ (އިންޓަނޭޝަނަލް ލޯ) ފުރިހަމަކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް އިންނެވެ. އޭނާ ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯ ގެ ލެކްޗަރާއެއްގެ މަގާމު އަދާކުރައްވާފައެވެ.

އޭގެ އިތުރުން އޭނާއަށް ވަނީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާއި ގުޅިގެން ރައީސް ދެއްވާ ހާއްސަ އިނާމް ލިބިވަޑައިގަންނަވާފައެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް ތިން ފަރާތް ވެސް އައްޔަނު ކުރެއްވުމުގެ ކުރިން، އެ ތިން ފަރާތް ވެސް ވަނީ ކޮމިޝަނުގެ މެންބަރު ކަމުގެ ހުވައި، ރައީސް ކުރިފުޅުމަތީގައި ކުރައްވާފައެވެ. ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަނު ކުރެއްވުމަށްފަހު، އެ މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލް ވަނީ ހަވާލުކުރައްވާފައެވެ.