ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ދެމެދުގައި އޮތް ވާދަވެރިކަމަށް ޗައިނާ ވައްދަން އުޅުނު ނަމަވެސް އެގައުމުގެ ސިޔާސަތު ބަދަލު ނުކުރެވޭނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.
ޗައިނާގެ ސަފީރު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ގައުމުތަކުގެ ކަންތައްތަކާ ނުބެހުމުގެ ސިޔާސަތު، ޗައިނާ އިން ވަރަށް ރަނގަޅަށް ތަންފީޒު ކުރާ ކަމަށާއި އެކަން އެ ގައުމުން މާޒީގައި ސާބިތު ކޮށްދީފައިވާ ކަމަށެވެ. އެގޮތުން ޕާޓީ ގޭމްގެ ތެރެއަށް ޗައިނާ ވައްދަން އުޅުމަކުން އެކަމެއް ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޗައިނާ ސަފީރު ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާގެ ގުޅުމާ ބެހޭ ގޮތުން ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަ ހިއްސާ ކުރައްވާފައެވެ. އެގޮތުން ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެގޮތުގައި ކުރިއަށް ގެންދަން އަޅަން ޖެހޭ ހުރިހާ މުހިއްމު ފިޔަވަޅުތަކެއް ރާއްޖެ އިން އަޅާނެ ކަމަށް ޝާހިދު އެ އިންޓްވިއުގައި ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން ޝާހިދު ވަނީ ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާ މި ދަނޑިވަޅުގައި ޗައިނާ ވެދިން އެހީތެެރިކަން ދިވެހި ސަރުކާރާއި ރައްޔިތުން ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަން ވެސް ފާހަގަ ކުރައްވާފައެވެ.
ރާއްޖެ އިން ޗައިނާއާ މެދު ގެންގުޅޭ ސިޔާސަތު އޮޅުން ނުފިލާ ނަމަ އެ އިންޓައު ބެލުމަށް ޗައިނާގެ ސަފީރު ވަނީ ވިދާޅުވެފައެވެ.
ޗައިނާ ސަފީރު އެ ޓްވީޓު ކުރައްވާފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގާ "އިންޑިއާ-ޗައިނާ" ބަހުސްގައި ޗައިނާ އަށް ބޮޑު ތުހުމަތެއް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރައްވައިފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން އާޒިމް ވަނީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް ހަރަދު ކުރަނީ ޗައިނާ އިން ކަމަށް ވިދާޅުވެފައެވެ. އާޒިމްގެ އިތުރުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަކީވެސް ދޭތެރެ ދޭތެރެއިން ޗައިނާއަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.