ކޯވިޑް-19 އާ ގުޅިގެން ގުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީ ދޭން ހުޅުވާލި މުއްދަތުގައި އެތައް ބަޔަކު ފޯމު ލީ ތާ 2 މަސް ފަހުން އަލުން ފޯމްލާން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެގޮތަށް އިއުލާން ކުރީ "ކޮވިޑް-19 އާ ގުޅިގެން ފައިސާގެ އެހީ ހޯދުމަށް އަމިއްލަ ގުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން ހުށަހަޅާ ފޯމް" އަށް ބައެއް ބަދަލުތައް ގެނެސްފައިވާ ވާތީ ކަމަށެވެ.

އެގޮތުން މިހާރު ފޯމް ހުށަހެޅުމުގެ ސުންގަނޑި ސެޕްޓެންބަރު 10، 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ އިތުރު ކޮށްފައެވެ.

ކޯވިޑް-19 އާ ގުޅިގެން ގުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް އެހީދޭ ޕްރޮގްރާމުގެ ދަށުން ފޯމު ހުށަހެޅި ފަރާތްތަކުން ފޯމު ހުށަހަޅާފައި ވަނީ ނިމިދިޔަ ޖުލައިމަހުގެ ތެރޭގައެވެ. މާލެއާއި ރަށްރަށުގައި ހިންގާ ކްލާސްތަކުން ފޯމް ހުށަހަޅަން އެ ރަށްރަށުގެ ރަށު ކައުންސިލުގެ ރައީސް ސޮއި ހޯދާ ތައްގަނޑު ޖަހާ ހަދަން ޖެހުނު އިރު، އަލުން ފޯމު ހުށަހަޅަން އެންގުމުން ބައެއް ފަރާތްތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ފޯމް ލާން އެބަ ޖެހޭ އެތައް ލިޔެކިޔުމެއް ފޮނުވަން. ސެޓްފިކެޓްތައް އެޓެސްޓް ކުރަން، ކައުންސިލުގެ ރައީސްގެ ސޮޔާއި ތައްގަނޑު ނެތިއްޔާ އަމުދުން އެ ބަލައިގަންނަނީކީވެސް ނޫން. އަނެއްކާ ކޮންމެ ކޮންމެ ތާކު ފޮނުވޭ ގޮތަށް އިންޓަނެޓާ ވަސީލަތްތައް ހުންނަނީކީ ނޫން. މިހާރު އެބުނީ އަލުން ފޯމު ލާށޭ. އެ ލާރި ނުވަތަ އެހީދޭން އުޅޭ ފާޑެއް ނުޖަހާ.
ފޯމް ހުށަހެޅި ފަރާތެއް

އަލުން ފޯމު ހުށަހަޅަން އިއުލާނު ކުރީ މާލީ ހިސާބުތައް ބެލެހެއްޓުމުގެ ކަންކަމާ ދިމާ ކުރަން ކަމަށް އެޑިއުކޭޝަނުން ބުނާ އިރު، ފޯމު ފުރަތަމަ އިއުލާނުކޮށް އާންމުން ފޯމު ހުށަހެޅިތާ 2 މަސް ފަހުން އެކަން ފާހަގަ ވީމައި ސުވާލު އުފެދެއެވެ. އެކަމާ ގުޅިގެން އެޑިއުކޭޝަނުން ރަސްމީ ޖަވާބެއް ވަނީ ނުލިބިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޯވިޑް-19 އާ ގުޅިގެން ގުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރި ވުމުގެ ގޮތުން، ޒަކާތު ފަންޑުން 1.5 މިލިޔަން ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

"ކޮވިޑް-19 އާ ގުޅިގެން ފައިސާގެ އެހީ ހޯދުމަށް އަމިއްލަ ގުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން ހުށަހަޅާ ފޯމް" މިނިސްޓްރީގެ ވެބްސައިޓު އިން ޑައުންލޯޑް ކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.