ސުޕްރީމް ކޯޓުގެ ހުސްވެވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ޑރ. މުހައްމަދު އިބްރާހިމާއި، އަލީ ރަޝީދު ހުސައިން އައްޔަނު ކުރުމަށް ފެންނަ ކަމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެ ދެބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނުކުރުމާއި ގުޅޭގޮތުން ވޯޓަށް އަހާފައި ވާއިރު ގާޒީ އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 55 މެމްބަރުންނެވެ. ނުފެންނަ ކަމަށް އެއް މެމްބަރަކު ވަނީ ވޯޓު ދެއްވާފައި ވެއެވެ.

ޑރ. މުހައްމަދު އިބްރާހިމް ފަނޑިޔާރު ކަމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް 63 މެމްބަރުން ވޯޓު ދެއްވާފައި ވާއިރު ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ގާޒީ އަލީ ރަޝީދަކީ ކްރިމިނަލް ކޯޓުގެ ގާޒީކަން ހަވާލުކުރެއްވުމުގެ ކުރިން ސިވިލް ކޯޓުގެ އިސް ގާޒީކަމުގެ އިތުރުން ކުރީގެ ޖިނާއީ ކޯޓުގެ ގާޒީކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ޑރ. މުހައްމަދު އިބްރާހިމަކީ އިސްލާމިކް ކޮމާޝަލް ލޯ އިން ޔުނިވާސިޓީ އޮފް މެލޭޝިއާގައި ޑޮކްޓަރު އޮފް ފިލޯސޮފީ އާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެއްގެ އިތުރުން ގާނޫނީ ވަކީލެއްގެ ގޮތުގައި 16 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައި ވާ ބޭފުޅެކެވެ.

މަޖިލީހަށް ދެ ބޭފުޅަކުގެ ނަން ފޮނުވާފައި ވާއިރު، ސުޕްރީމްކޯޓުގެ ބެންޗް ހަތަކަށް އިތުރުކޮށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ސޯލިހް ތަސްދީގު ކުރައްވައިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހެވެ. ސުުޕްރީމްކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ އިރު، ދެ ފަނޑިޔާރުންގެ ގޮނޑި ހުސްވެފައިވުމުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އޮގަސްޓު މަހުގެ ހަވަނަ ދުވަހެވެ.