ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ރަށް ބޭރުން އޮންނަ ނާރަޔަންގަންޖު ޑިސްޓްރިކްޓްގެ މިސްކިތެއްގެ ކައިރީގައި ހުކުރު ދުވަހުގެ ރޭ ގޭސް ހޮޅިއެއް ގޮވައިގެން ހިނގި ހާދިސާގައި މަރުވި މީހުންގެ އަދަދު 17 އަށް އަރައިފިއެވެ.
ނަމާދު ނިމެން އުޅެނިކޮށް ހިނގި މިހާދިސާގައި ގިނަ އަދަދެއްގެ ބަޔަކަށް ސީރިއަސް ޒަހަމްތަކެއްވެސް ވަނީ ލިބިފައެވެ.
ކޯޑިނޭޓަރެއްގެ ގޮތުގައި ސީންގައި މަސައްކަތް ކުރައްވަމުން ގެންދަވާ ސަމާންތާ ލާލް ސެން ވިދާޅުވީ، 17 މީހުންވެސް މަރުވީ ފިހިގެން ލިބުނު ޒަހަމްތަކުގައި ކަމަށާ، މަރުވި މީހުންގެ ތެރޭގައި 7 އަހަރުގެ ކުޑަކުއްޖެއްވެސް ހިމެނޭ ކަމަށެވެ.
ސެން ވިދާޅުވީ، މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެން ވާ ކަމަށާ، މިހާރުވެސް ހަށިގަނޑުގެ 90 ޕަސެންޓް ފިހިފައިވާ 37 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ދިރިއުޅޭ މުޙައްމަދު ރަތަން ބުނީ، ބާރުގަދަ ގޮވުމެއްގެ އަޑާއެކު މިސްކިތުން ދުން ނިކުންނަމުންދިޔަ މަންޒަރު ފެނުނު ކަމަށެވެ. އަދި މީހުންގެ ހަޅޭކުގެ އަޑު އިވުނު ކަމަށާ، ގައިގައި ރޯވެފައިވާ އަލިފާންގަނޑު ނިވޭތޯ ބެލުމަށް ބިންމަތީގައި އޮށޯވެ، ފުރޮޅެމުންދިޔަ މީހުންވެސް ފެނުނު ކަމަށް ރަތަން ވަނީ ބުނެފައެވެ.
އަލިފާން ނިއްވުމާ ބެހޭ އޮފިޝަލުން ވިދާޅުވީ، މިސްކިތުގެ ބިމު އަޑިން އަޅާފައި އޮތް ގޭސް ޕައިޕްލައިންއަކުން ގޭސް ލީކުވެގެން ހާދިސާ ހިނގީ ކަމަށް ބެލެވޭ ކަމަށެވެ. ފަޔާ ސާވިސްގެ އިސް އޮފިޝަލެއް ކަމަށްވާ ޢަބްދުﷲ އަރީފިން ވިދާޅުވީ، ގޭސް ލީކުވެ، ބަންދުކޮށްފައި ހުރި މިސްކިތު ތެރޭގައި ގޭސް ޖަމާވެފައި ވަނިކޮށް، މިސްކިތުގެ އެތެރޭގެ އޭސީތައް ޖެއްސުމުން އަލިފާން ކަންޏެއް ކަނޑައިގެން ގޮސް، ގޮވުމެއް ގޮވީ ކަމަށް، ބެލެވޭ ކަމަށެވެ. މިސްކިތުގައި ހުރި 6 އޭސީވެސް މި ހާދިސާގައި ގޮވި ކަމަށް އޭނާ ވިދާޅުވިއެވެ.
ގޭސް ހޮޅިއެޅުމުގައި ބަންގްލަދޭޝްގައި ފަރުވާކުޑަ ކުރުމުގެ މައްސަލަތައް އިންތިހާއަށް ރިޕޯޓްކުރާއިރު، އެއްވެސް ވަރެއްގެ ރޭވުންތެރިކަމެއް ނެތި މަގު ހެދުމުގެ ނަމުގައި ހިންގާ މަޝްރޫއުތަކުގެ ސަބަބުން، މިފަދަ ކާރިސާތައް ހިނގުމަކީވެސް ބަންގްލަދޭޝްގައި އާންމު ކަމެކެވެ.