ޔުނިވާސަލް އެންޓަޕްރައިޒެސް ޕްރައިވެޓް ލިމިޓެޑުން 10،000 ޓެސްޓް ކިޓް ހެލްތު މިނިސްޓްރީ އާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ޔުނިވާސަލް އެންޓަޕްރައިޒެސް އިން 10،000 ޓެސްޓް ކިޓު ހަދިޔާ ކޮށްފައިވާ ކަމަށާއި އެކުންފުނިން މިހާތަނަށް 30،000 އަށް ވުރެ ގިނަ ޓެސްޓް ކިޓް ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކަމަށެވެ.
ޓެސްޓް ކިޓްތަކާއި ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓްރީ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މިނިސްޓަރު މުހައްމަދު އަސްލަމެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު އިއްޔެ ވެސް ރާއްޖެއިން 80 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އިއްޔެ ޕޮޒިޓިވްވި 80 މީހަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8361 އަށް އަރާފައެވެ.
މިހާރު ހޮސްޕިޓަލުގައި 162 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1253 މީހަކު އެބަ ތިއްބެވެ. މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 29 މީހަކު ވަނީ ނިޔާވެފައެވެ.