ޏ. ފުވައްމުލަކުގައި ހިންގި މަރާމާރީއަކާއި ގުޅިގެން ދެ ދިވެހި ފިރިހެނުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައި ވަނީ 25 އަހަރާއި 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގުކުރިއަށް ގެންދިއުމަށް ދިހަ ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ބުނެއެވެ.
އެ މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންދާއިރު، ކޮވިޑް-19އާ ގުޅިގެން އެފަދަ މައްސަލަތަށް ކުރުން މަދުވެފައިވާކަން ވަނީ ފާހަގަ ވެފައެވެ.
މި އަހަރު މިފަދަ މައްސަލަތަށް މަދު ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް 2019 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި، އަންހެން ކުދިންވެސް މާރާމާރީ ތަކުގައި ބައިވެރިވެފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ރާއްޖޭގެ ބައެއް ސަރަހައްދުގައި ކުށްކުރުން އިތުރުވަމުން ދާކަންވެސް ފާހަގަވެފައިވާ ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން (ޖޭޖޭޔޫ) ރިޕޯޓެއްގައި ބުނެފައި ވެއެވެ.
އަދި އަތޮޅުތަކުން ކުޑަކުދިން ގްރޫޕް މާރާމާރީއަށް މާލެ ގެނެސް، ކުށުގެވަށީގައި އުޅޭމީސްމީހުން ދިރިއުޅޭ ގޭގޭގައި ނުވަތަ ސަރަހައްދުތަކުގައި އެކުދިން ގެންގުޅެ ހަދާކަންވެސް ފާހަގަކުރެވިފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެއެވެ.