މިހާތަނަށް އައި އިރުވެސް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، އެ ބަލީގައި މަރުވެ ދިޔަ ސިއްހީ ހިދުމަތްތެރިންގެ އަދަދު 7000 އަށް އަރާފައި ވާ ކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެފިއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނާ ގޮތުގައި، ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެންމެ ގިނަ އަދަދަކަށް ސިއްހީ ހިދުމަތްތެރިންގެ ފުރާނަ ގެއްލިފައިވަނީ މެކްސިކޯގައެވެ. މެކްސިކޯއިން، 1300 ހިދުމަތްތެރިއަކު މި ދުނިޔެއާއި ވަކިވެ ގޮސްފައިވާކަމަށް އެމްނެސްޓީއިން ބުނެއެވެ.
އެމްނެސްޓީގެ ހެޑް އޮފް އިކޮނޮމިކް އެންޑް ސޯޝަލް ޖަސްޓިސް، ސްޓީވް ކޮކްބާން ވިދާޅުވީ، ސިއްހީ ދާއިރާގައި ހިދުމަތް ކުރަމުންދާ ކޮންމެ މީހަކީވެސް ރައްކާތެރި ކަމާއެކު މަސައްކަތް ކުރުމުގެ ހައްގު ލިބިފައިވާ މީހެއް ކަމަށާ، ނަމަވެސް ގިނަ ހިދުމަތްތެރިންތަކެއްގެ ފުރާނަ ދުއްވާލައިގެން އަގު އަދާ ކުރަންޖެހުމަކީ ޖަރީމާއެއް ކަމަށެވެ.
ދެކުނު އެފްރިކާއާއި އިންޑިއާގައި ރެކޯޑް ދުވެއްޔެއްގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދާއިރު، މެކްސިކޯ، ބްރެޒިލް އަދި އެމެރިކާ ފަދަ ގައުމުތަކުން މި ބަލީގައި ސިއްހީ ހިދުމަތްތެރިން މަރުވަމުންދަނީ ކަންބޮޑުވާން ޖެހޭ ދަރަޖައެއްގައި ކަމަށް ކޮކްބާން ވިދާޅުވިއެވެ. ބަލިމަޑުކަމުގައި އެތައް މަހެއް ފާއިތުވެދިޔައިރުވެސް މި ގައުމުތަކުން ގިނަ އަދަދަކަށް ސިއްހީ ހިދުމަތްތެރިންގެ ފުރާނަ ގެއްލިގެން ދާ ދިއުމަކީ، ހުރިހާ ގައުމަކުންވެސް ފިޔަވަޅު އަޅަންވީ ކަމެއް ކަމަށް އެމްނެސްޓީގެ އޮފިޝަލު ވިދާޅުވިއެވެ.
ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިގާ ގައުމުތަކަށް ބަލާއިރު އެމެރިކާގެ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 1077 މީހަކު، އިނގިރޭސިވިލާތުން 649 މީހަކު، ބްރެޒިލްއިން 634 މީހަކު، ރަޝިއާއިން 631 މީހަކު އަދި އިންޑިއާއިން 573 މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެމްނެސްޓީއިން ބުނީ، މިއީ އަދި ފުރިހަމަ މައުލޫމާތަށް ނުވެ ހިނގައިދާނެ ކަމަށާ، އެހެނީ ބައެއް ގައުމުތަކުން މި ބަލީގައި މަރުވާ ހުރިހާ އެންމެން ރަސްމީ ކޮށް ރެކޯޑް ކޮށްފައި ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ކޮވިޑް-19އާ ދެކޮޅަށް މުޅި ދުނިޔެ ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ތިބީ ސިއްހީ ހިދުމަތްތެރިންނެވެ. ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ މި ބަލިން ދިފާއުވުމަށް ސިއްހީ ހިދުމަތްތެރިން ބޭނުން ކުރަމުންދަނީ ޕީޕީއީއެވެ. ނަމަވެސް ޕީޕީއީ ލިބުމުގައިވެސް މައްސަލަތަކެއް ކުރިމަތިވެ، ބައެއް ގައުމުތަކުގެ ސިއްހީ ހިދުމަތްތެރިން، ހަނގުރާމައަށް ނިކުމެ ތިބީ ރައްކާތެރި ކަމުގެ އެކަށީގެންވާ ފިޔަވަޅުތަކެއް އެޅޭނެ ފަދައެއްވެސް ނެތް ހާލުގައެވެ.