އާސަންދަ ކުންފުނިންވެސް ބޭސްފަރުވާއަށް ގޮސް ރާއްޖެ ނާދެވިފައިވާ މީހުންނަށް ފައިސާގެ އެހީ ދިނުމުގައި އަމަލު ކޮށްފައި ވަނީ އުސޫލުތަކާ ހިލާފަށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ކޮވިޑް-19އާ ގުޅިގެން އާސަންދަ ކުންފުނިން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނީ އަމިއްލަ ގޮތުންނާއި، އެންސްޕާ އަދި އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ރާއްޖޭން ބޭރަށް ގޮސް ތިބި ދިވެހިންގެ ތެރެއިން، ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމުން އަނބުރާ ރާއްޖެ ނާދެވިފައިވާ މީހުންނަށް ފައިސާގެ އެހީ ދިނުމުގައި އުސޫލުތަކާ ހިލާފަށް ހަރަދު ކޮށްފައިވާ ކަމަށެވެ.

އެގޮތުން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވަނީ ކޮވިޑާ ގުޅިގެން ރާއްޖެ ނާދެވި އިންޑިއާ އަދި ސްރީލަންކާގައި ބޭސް ފަރުވާއަށް ގޮސްތިބި ދިވެހިންނަށް، ފައިސާގެ އެހީ ދިނުމަށް އެންސްޕާ އިން އާސަންދަ ކުންފުންޏަށް ދޫކޮށްފައި ވާ 1،218،153 ރުފިޔާގެ ތެރެއިން 251,103 ރުފިޔާ ޖޫން ގެ ނިޔަލަށް ހަރަދު ކުރެވިފައި ނުވާ ކަމަށެވެ.

ރާއްޖެ ނާދެވިފައިވާ މީހުންނަށް ފައިސާގެ އެހީ ދިނުމުގައި އުސޫލުތަކާއި ހިލާފަށް ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައި ވަނީ އެ ފަރާތްތައް އެނބުރި ރާއްޖެ އައުމަށް ނަގާފައިވާ ޓިކެޓުގެ ކޮޕީ އެންސްޕާ އިން ހޯދާފައި ނުވުމުން، އެ ފަރާތްތަކަށް ފައިސާގެ އެހީ ދޭން ފަށަން ޖެހޭ ތާރީހު އެނގެން ނެތް ކަމަށެވެ. އެގޮތުން ޓިކެޓުގެ ކޮޕީ ހޯދުމަކާ ނުލައި ޖޫން 30ގެ ނިޔަލަށް 26 ފަރާތަކަށް ޖުމްލަ، 284,157 ރުފިޔާ، އެންސްޕާ އިން ހަރަދު ކޮށްފައިވާ ކަމަށާއި ފައިސާގެ އެހީ ދީފައިވާ ފަރާތްތަކަކީ ރާއްޖޭން ބޭރުގައި ތިބި ފަރާތްތަކެއްކަން އަދި ފައިސާގެ އެހީ ދީފައި ވަނީ ކިހާ މުއްދަތަކަށް ކަން ކަށަވަރު ކުރެވެން ނެތްކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

ރާއްޖެ އެނބުރި އައުމަށް ޓިކެޓް ނަގާފައިވާ ތާރީހުގެ ކުރީ ދުވަސްތަކަށް ފައިސާގެ އެހީ ދީފައިވާ މައްސަލަ އެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ޖޫން 30 ގެ ނިޔަލަށް 3 ފަރާތަކަށް ޖުމްލަ 807,116 ރުފިޔާ އިތުރަށް ދީފައިވާ ކަމަށާއި އެކަމުގެ ސަބަބުން، ދައުލަތުން ކުރަން ނުޖެހޭ ހަރަދެއް ކުރެވިފައި ވާ ކަމަށެވެ.

ކަަނޑައަޅާފައިވާ ރޭޓު ނޫން ތަފާތު ރޭޓަކުން ފައިސާ ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވަނީ، ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ފައިސާ ދިނުމުގެ އުސޫލުގައި ބަޔާންކޮށްފައި ވާ، އެހީ ލިބޭ ފަރާތުގެ އިތުރަށް އެހީތެރިއަކަށް ހުންނަ ފަރާތްތަކުގެ ތެރެއިން ބޮޑެތި މީހުންނަށް ލިބޭނީ އެ ސްޓޭޓަކަށް ކަނޑައެޅިފައިވާ ރޭޓުގެ 75 ޕަސެންޓް ކަމަށެވެ. އަދި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ލިބޭނީ އެ ރޭޓްގެ 50 ޕަސެންޓް ކަމަށެވެ.

ނަމަވެސް، އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ 2 ފަރާތަކަށް، އުސޫލުތަކާއި ހިލާފަށް ދޭންޖެހޭ އަދަދަށް ވުރެ އިތުރަށް އަދި 2 ފަރާތަކަށް ދޭންޖެހޭ އަދަދަ ށްވުރެ މަދުން ފައިސާގެ އެހީ ދީފައިވާ ކަމަށެވެ. އެގޮތުން ޖޫން 30ގެ ނިޔަލަށް 3700 ރުފިޔާ އިތުރަށް އަދި 2702 ރުފިޔާ މަދުން ހަރަދުކޮށްފައި ވާ ކަމަށެވެ.

އާސަންދަ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވަނީ އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރުގައި ހުރި ފަރާތެއް، މި އަހަރުގެ އޭޕްރިލް 15 ގައި ނިޔާވެފައި ވާކަން ލިބިފައިވާ ލިޔެކިޔުންތަކުން ފާހަގަ ވެފައިވާ ކަމަށާއި ބަލިމީހާ ނިޔާވިކަން 16 އޭޕްރީލް ގައި ހޮސްޕިޓަލުން އާސަންދަ ކުންފުންޏަށް އަންގާފައި ވާ ކަމަށެވެ. ނަމަވެސް، އެ ފަރާތް ނިޔާވި ތާރީހުގެ ފަހުން އާސަންދަ ކުންފުނިން އަދި އެންސްޕާއިން ފައިސާގެ އެހީގެ ގޮތުގައި 9489 ރުފިޔާ، އެފަރާތުން ދީފައިވާ ބޭންކް އެކައުންޓަށް ޖަމާކޮށްފައި ވާކަން ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން ރާއްޖެ އެނބުރި ނާދެވިފައިވާ ފަރާތްތަކަށް ފައިސާގެ އެހީ ދިނުމުގައި އާސަންދަ ކުންފުނި އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެއް ފަރާތަކަށް އެއް މުއްދަތަކަށް ފައިސާގެ އެހީ ދީފައިވާކަން އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން 4 ފަރާތަކަށް 21،033 ރުފިޔާ އިތުރަށް ދީފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ.