ކުރިއަށް އޮތް 2 ހަފްތާވެސް މާލެ ސިޓީގެ ސުކޫލުތަކުގައި ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޯވިޑް19ގެ ހާލަތަށް ރިއާޔަތްކޮށް، އެޗްޕީއޭ އާއި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން، މާލޭ ސިޓީގެ ސްކޫލްތަކުގައި ކުރިއަށްއޮތް 2 ހަފްތާގައިވެސް (6 ސެޕްޓެމްބަރ 2020 އިން 17 ސެޕްޓެމްބަރު 2020 އަށް) ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން ދެ ހަފްތާ ފަހުން މުރާޖައާ ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ. އެއަށް ފަހު ކުދިންނަށް ކިޔަވައި ދިނުުމުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކިލާސް މެދުވެރިކޮށާއި އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ.

އަލުން ސްކޫލްތައް ހުޅުވާފައިވަނީ ޖުލައި މަހުއެވެ. އެގޮތުން މާލެ ސަރަހައްދުގެ ސްކޫލުތައް ފިޔަވައި އެހެން ހުރިހާ ރަށްތަކުގެ ސްކޫލުތަކުގައު ގްރޭޑް 1 އިން ގްރޭޑް 12 އަށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އަދި މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާފައި ވަނީ ގްރޭޑް 9 އިން ގްރޭޑް 12ގެ ދަރިވަރުންނަށެވެ.

ނަމަވެސް ކޮވިޑް ފެތުރުން އިތުރުވެފައި ވާތީ އަނެއްކާވެސް މާލޭގެ ސްކޫލްތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށާފައެވެ.