ކޮވިޑް ޓެސްޓިން ކެޕޭސިޓީ ރާއްޖޭގައި އިތުރުކޮށްގެން ނޫނީ ފަތުރުވެރިން އިތުރެއް ނުކުރެވޭނެ ކަމަށް މާފަންނު މެދު ދާއިރާ އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ ވަނީ، ޓެސްޓް ކުރާނެ އާލާތްތައް އެތައްމިތަނުން ހަދިޔާކުރަމުން ދާއިރު އަދި ދައުލަތުން އެތަކެއް ހޭދަތަކެއް ކުރެވުނު އިރުވެސް ޓެސްޓިން ކެޕޭސިޓީ އިތުރު ނުކުރެވޭ ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އަދި ޓެސްޓިން ކެޕޭސިޓީ އިތުރުކޮށްގެން ނޫނީ ފަތުރުވެރިން އިތުރެއް ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ބޮންޑޭ އެހެން ވިދާޅުވެފައި ވަނީ އިމިގްރޭޝަނުން ނެރުނު ތަފާސް ހިސާބުތަކާ ގުޅިގެންނެވެ. އެގޮތުން ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބޯޑަރު އަލުން ހުޅުވިތާ ދޮޅު މަސް ދުވަސްތެރޭ ރާއްޖެ އައީ 9،329 ޓޫރިސްޓުންނެވެ.

މިދިޔަ މަހު އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އޮގަސްޓް 20 ވަނަ ދުވަހެވެ. އެދުވަހު 373 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވާއިރު، އެންމެ މަދުން ފަތުރުވެރިން އައިސްފައި ވަނީ އޮގަސްޓް 12 ގައެވެ. އެދުވަހު ރާއްޖެ ޒިޔާރަތް ކުރީ އެންމެ 71 ފަތުރުވެރިންނެވެ.

މިދިޔަ އޮގަސްޓްމަހު އެވްރެޖްކޮށް 218 ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު، ޖުލައި މަހު އެވްރެޖްކޮށް ރާއްޖެ އައީ 100 ފަތުރުވެރިންނެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ހަތަރު މަސް ވަންދެން ރާއްޖޭގެ ބޯޑަރުތައް އޮތީ ބަންދުކޮށްފައެވެ. ޓޫރިޒަމް މުޅިން ހުއްޓާލާފައި އޮތުމަށް ފަހު ބޯޑަރު އަލުން ހުޅުވައިލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

މިމަހު 10 އަކުން ފެށިގެން ފަތުރުވެރިންނަށް ރާއްޖެ އާދެވޭނީ ކޮވިޑް-19 އަށް ނެގެޓިވް ވުމުން ކަމަށް މިހާރު ވަނީ ނިންމާފައެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ، މިމަހު 10 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންނާއި ކުރު މުއްދަތަކަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ރާއްޖެ އެތެރެވެވޭނީ ކޮވިޑް-19 އަށް ޓެސްޓުކޮށް، ނެގެޓިވް ޕީސީއާރް ޓެސްޓެއްގެ ނަތީޖާ ދެއްކުމުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ކަމަށެވެ.