ފުލުހުންނާއި ސިފައިންނާ ނުލައި ވަތަންގެ ބަހާތައް ދެމެހެއްޓިގެން ނުދާނެ ކަމަށް މިނިސްޓާ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވެފައިވަނީ ފުލުހުންގެ ހިދުމަތުގެ އަގު ވަޒަންކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ އިންސާނީ މުޖުތަމައުއްގައި އެމުޖުތަމައު ބިނާވެފައި އޮންނަ ވަކި ހާއްސަ އަސާސްތަކާއި ބަހާތަކެއް އޮންނާނެ ކަމަށެވެ. އެގޮތުން އެ އަސާސްތަކާއި ބަހާތައް ނެގެހެއްޓުން އެއީ އެމުޖުތަމައުގައި އުޅޭ ވަކި ކަހަލަ ބަޔަކާ ހަވާލު ކުރެވޭ މަސްއޫލިއްޔަތެއް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ފުލުހުންނާއި، ސިފައިންނާ ނުލައި މި ލޮބުވެތި ވަތަންގެ ބަހާތައް ދެމެހެއްޓިގެން ނުދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި އިސްލާމް ދީނާއި ދިވެހި ބަހާ ތާރީހާ، ސަގާފަތް ނަގަހައްޓާ ދެމެހެއްޓުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު ބޮލުގައި އެޅުވިފައި މިއޮންނަނީ ފުލުހުންނާއި ސިފައިން، އެ ދެމުއްސަސާ އާ ނުލައި މި ލޮބުވެތި ވަތަންގެ ބަހާތައް ދެމެހެއްޓިގެން ނުދާނެ. މިކަހަލަ ކޮންމެ މުއައްސަސާއެއްގައި މަސައްކަތް ކުރާ މީހެއްގެ އަސާސީ ސިފައަކީ އެމުއްސަސާއާއި، ވަތަންދެކެ ލޯބިވުން
މިނިސްޓާ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ

ފުލުހަކީ ނުލިބިފައިވާ ހައްގު ހޯދައިދޭ މީހާ ކަމަށާއި އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ މީހާގެ އިތުރުން ކޮންމެ ނުރައްކަލެއް ކުރިމަތިވާ ހިނދު އެކަމުން ސަލާމަތްކޮށްދީ ރައްކާތެރިކޮށްދޭނެ މީހާ ކަމަށް ވެސް އިމްރާނު ވަނީ ވިދާޅުވެފައެވެ.