ރަޖިސްޓްރީކޮށްގެން ހިންގާ ހޮޓާ ބަދިގެތަކުން ތައްޔާރުކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަށަވަރުކޮށް ދިނުމަށް އެދި މާފަންނު މެދު ދާއިރާ އިބްރާހިމް ރަޝީދު (ބޮންޑާ) ގޮވާލައްވައިފިއެވެ.
ބޮންޑާ ވިދާޅުވީ، ގޭގޭގައި ތައްޔާރުކުރާ ކާބޯތަކެތި މިސްކީނުންނާ ފަގީރުންނަށް ކާންދީ ސަދަގާތްކުރުމާއި ވިއްކުމަކީ އާދަކާދައިގެ ތެރޭ ހިމެނޭކަމެއް ކަމަށެވެ. އެހެންކަމުން ރަޖިސްޓްރީ ކޮށްގެން ހިންގާ ހޮޓާ ބަދިގެތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން އެޗްޕީއޭއިން ކަށަވަރު ކޮށްދިނުމަށް އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވީ ރަޖިސްޓްރީ ނުކޮށް ގޭގައި ކާބޯތަކެތި ތައްޔާރުކޮށްގެން ވިއްކާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީ އެޗްޕީއޭއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ. އެޗްޕީއޭގެ އިއުލާނުގައި އޮތީ ރަޖިސްޓްރީ ނުކުރާ ބަދިގެތަކުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި ފިހާރަތަކާއި ގޭގޭގައި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އޮންލައިން ޕްލެޓްފޯމްތަކުގަ އާއި އެހެން ގޮތްގޮތަށް އިޝްތިހާރުކޮށް ޑެލިވެރީގެ ހިދުމަތް ދެމުންގެންދާ ކަމުގެ މައުލޫމާތާއި ޝަކުވާ އެ ތަނަށް ލިބެމުންދާ ކަމަށެވެ.
އެއްވެސް ފަރާތަކުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ނަމަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި ކަމާ ގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތަށް ހުއްދަ ނަގަން ޖެހޭނެ ކަމަށާއި ރަޖިސްޓްރީ ނުކުރާ ތަންތަނުން ހިދުމަތް ނުހޯދަން އާއްމުންނަށް އިލްތިމާސްކުރާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
އެޗްޕީއޭއިން މި ގޮތަށް ނިންމާފައިވާއިރު އެ އިއުލާންގައި ބަޔާންކޮށްފައިވާ ގަވާއިދުގައި ހުރީ އެފަދަ މީހުންނަށް ތަބާވެވޭނެ މިންގަނޑުތަކެއް ކަމަށް ނުފެންނާތީ އެ މީހުންނަށް އެކަށޭނަ މިންގަނޑުތަކެއް އެކުލަވާލުމަށް ފަހު މި މަސައްކަތް ރެގިއުލޭޓްކުރާ ގޮތަށް އެޗްޕީއޭގެ ނިންމުން އިސްލާހުކުރުވަން އެދި ފެމިލީ ލީގަލް ކްލިނިކް (އެފްއެލްސީ) އިން ރައްޔިތުންގެ މަޖިލީހަށް ވަނީ ސިޓީއެއް ވެސް ފޮނުވާފައެވެ. އެފްއެލްސީން ބުނީ އެޗްޕީއޭގެ އެންގުމަކީ އިންސާފުވެރި އަދި ހަމަޖެހޭ ނިންމެއް ނޫން ކަމަށެވެ.
އާމްދަނީ ގިނައިން ހޯދުމަށް ގޭގައި ތިބެގެން އެތައް އާއިލާއަކުން ދަނީ ގޭގައި ކާބޯތަކެތި އުފައްދާ އެތަކެތި އޮންލައިންކޮށް ވިއްކަމުންނެވެ. މި ދުވަސްވަރު ކޮވިޑާ ގުޅިގެން އެތައް ބައެއްގެ އާމްދަނީ ކުޑަވެ، ވަޒީފާ ގެއްލުމާ ގުޅިގެން މި ފަދަ މަސައްކަތްތައް ކުރާ މީހުން ވަނީ އިތުރުވެފައެވެ.